31 ޖުލައި 2017 - 19:02

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް ނުދިން މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލަށާއި ކަރެކްޝަނަލް ސާވިސްއާ މެދު ފިޔަވަޅު އަޅައިދިނުމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި މައުމޫން އެގޮތަށް އެދިވަޑައިގަތީ ފާރިސް މަޖިލީހަށް ހާޒިރުވާން ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލާގެ މިއަދު ހެނދުނުގެ އަޑުއެހުން ކޯޓުން ފަސްކޮށްފައި ވަނިކޮށް ވެސް ކަރެކްޝަންސް އިން ފާރިސް މަޖިލީހަށް ހާޒިރުކޮށް ދީފައި ނުވާތީ އެވެ.
ފާރިސްގެ ގާނޫނީ ވާޖިބަށް ހުރަސް އެޅި، އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެ ހައްގަށް އުނިކަން އައިސްފައިކަން ފާހަގަކުރައްވައި، މައުމޫން ވިދާޅުވީ އެކަމުގެ ޒިންމާ ނަގާނެ ފަރާތެއް މިއަދު ނެތް ކަމަށެވެ. ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހުނީމާ އެއްވެސް މުއައްސަސާއަކަށް ޒިންމާ ނުނެގޭ ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލަށާއި ފާރިސް ބަލަހައްޓަމުން ގެންދާ ކަރެކްޝަނަލް ސާވިސަށް މައުމޫން ފާޑު ވިދާޅުވި އެވެ.
"ފާރިސް ހާޒިރުކޮށް ދިނުމުގެ އަމުރަކަށް އޭރު އަޅުގަނޑު ނޭދުނީ މި ބޭފުޅުން އެކަން އެގޮތަށް ކުރައްވާނެ ކަމަށް ބަލައިގެން. އެކަމަކު އެހެނެއް ނުވި،" މިއަދު ހެނދުނު ބޭއްވި އަޑުއެހުމާ ގުޅޭގޮތުން މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ބަންދުކޮށްފައި ހުރީ ޕީޖީ އޮފީހުން އެދިގެން ކަމަށް ވެފައި އަދި އޭނާ މަޖިލީހަށް ގެންދަން ޖެހޭނެ ކަން އޭނާ ބަންދު ކޮށްގެން ބަލަހައްޓަމުންދާ ކަރެކްޝަނަލް ސާވިސަށް އެނގެން ޖެހޭނެ އެވެ. އެހެންވެ އެ ދެ މުއައްސަސާއާ މެދު ފިޔަވަޅު އަޅައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ. ފިޔަވަޅު އެޅެން ޖެހޭނީ އަމިއްލަ ވަކީލުންނާ މެދު އެކަނި ނޫން ކަމަށާއި މުއައްސަސާތަކާ މެދު ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ފާރިސް މަޖިލީހަށް ހާޒިރުކުރަން އެއްވެސް ހުރަހެއް ޕީޖީ އޮފީހުން ނާޅާ ކަމަށާއި ފާރިސް މަޖިލީހަށް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށެވެ.
އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެކަން ހިނގި ގޮތް ސާފު ކުރެވޭނީ ކަރެކްޝަންސްގެ ޒިންމާދާރު މީހަކު ކޯޓަށް ހާޒިރުކޮށްގެން ކަމަށާއި އެކަމަކު މިއަދުގެ އަޑުއެހުމަކީ އެކަމަށް ބޭއްވި އަޑުއެހުމެއް ނޫން ކަމަށެވެ.
ފާރިސް ބަންދު ކޮށްފައި ހުރީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު އަދި ދަނީ ކުރިއަށެވެ.