ސައުދީގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރި މީހާ ދޫކޮށްލައިފި
ސައުދީގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރި މީހާ ދޫކޮށްލައިފި

ރިޔާޒް (ޖުލައި 31) - ސައުދީ އަރަބިއާގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ މަރިޔަމް އަލް އުސައިބީ 100 އަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފި އެވެ.

އޭނާ ބޮޑަށް ކެމްޕޭން ކުރަމުން ދަނީ ސައުދީ އަންހެނުންނަށް ފިރިހެން ބެލެނިވެރިއަކާ އެކު ނޫނީ ނުކުރެވޭނެ ކަންތައްތައް ނިމުމަކަށް ގެނައުމަށެވެ. އޭނާ ހައްޔަރު ކުރީ މިނިވަންކަމާ އެކު ދިރިއުޅުމަށް ބައްޕަގެ ގެއިން ނުކުމެގެން ގޮސް އުޅެނިކޮށެވެ. މިދިޔަ އެޕްރީލް މަހު އުސައިބީ ހައްޔަރުކުރީ އޭނާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ސައުދީގައި އޮންނަ ގޮތުން އަންހެނުންނަށް ވަރަށް ގިނަ ކަންކަމުގައި ފިރިހެން ބެލެނިވެރިއެއްގެ އެހީ ބޭނުންވެ އެވެ. އޭގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށަހެޅުން ގައުމުން ބޭރަށް ދަތުރު ކުރުން އަދި ޖަލުން ނުކުތުން ހިމެނެ އެވެ.

ފިރިހެން ބެލެނިވެރިއަކާ އެކު ނޫނީ އަންހެނުންނަށް ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތް އޮތުމަށް ނިމުން ގެނައުމަށް އުސައިބީ ކުރާ މަސައްކަތުގައި ސޯޝަލް މީޑިއާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ.

ފިރިހެން ބެލެނިވެރިންނާ އެކު ނޫނީ އަންހެނުންނަށް ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތް ސިޔާސަތަށް ބަދަލުތަކެއް ގެނައުމަށް ރަސްގެފާން ސަލްމާން ވަނީ އެޕްރީލް މަހު ސަރުކާރުގެ އެޖެންސީތަކަށް އަންގަވައިފަ އެވެ.