އިންޑިއާގެ ކޯސްޓްގާޑުން ދޮޅު ޓަނުގެ ޑްރަގު އަތުލައިގެންފި
އިންޑިއާގެ ކޯސްޓްގާޑުން ދޮޅު ޓަނުގެ ޑްރަގު އަތުލައިގެންފި

ނިއު ދިއްލީ (ޖުލައި 31) - އިންޑިއާގެ ކޯސްޓްގާޑުން 1.5 ޓަނުގެ ހެރޮއިން އަތުލައިގެންފި އެވެ.

ހުޅަނގުގެ ގުޖުރާތު ސްޓޭޓުގެ ބޭރުން ކަނޑުމަތިން ހުއްޓުވި ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗަކީ މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެ އެވެ. މި 1.5 ޓަނުގެ މަސްތުވާތަކެތީގެ އަގަށް 550 މިލިއަން ޑޮލަރު އަރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯސްޓްގާޑުން ބުނީ ފުލުހުންގެ ތަހުގީގަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުން މިދިޔަ އަހަރު ވަނީ 18.5 ޓަނުގެ އެފެޑްރިން އަތުލައިގެންފަ އެވެ. މެތަމްފެޓަމިން އުފެއްދުމަށް ބޭނުން ކުރާ އެފެޑްރިންގެ އަގު 311 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޮފިޝަލުން ބުންޏެވެ. ދެހާސް ތޭރަ ވަނަ އަހަރު ގޯއާ އިން ވަނީ ހަތަރު ކިލޯގެ އެމްފެޓަމިންއާ އެކު އިނގިރޭސި ވިލާތުގެ 45 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. މި ތަކެތީގެ އަގަކީ 330،000 ޑޮލަރެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ބުނީ ފަހަކަށް އައިސް ހެރޮއިން އަތުލައިގަންނަ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަަފްޣާނިސްތާނުގައި ގިނަ އަދަދަކަށް އުފައްދާ ހެރޮއިން އިންޑިއާ އަށް ވަގަށް އެތެރެކުރަނީ އަވަށްޓެރި ޕާކިސްތާނުގެ ބޯޑަރާ ގުޅޭ ހިސާބުތަކުން ކަމަށް ބުނެފައިވެ އެވެ. ދުނިޔޭގައި އެންމެ ގިނައިން އޯޕިއަން އުފައްދާ ގައުމަކީ އަފްޣާނިސްތާނެވެ.