ފާރިސް މަޖިލީހަށް ހާޒިރު ނުކޮށް، އަނބުރާ ޖަލަށް ގެންގޮސްފި
ފާރިސް މަޖިލީހަށް ހާޒިރު ނުކޮށް، އަނބުރާ ޖަލަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ހާޒިރުވުމަށް އޭނާގެ ޝަރީއަތް މިއަދު މެދުކަނޑާލިޔަސް މަޖިލީހަށް ހާޒިރުނުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން މެދުކަނޑާލީ އޭނާ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ފުރުސަތު ދިނުމަށް ވަކީލުން އެދުމުންނެވެ. އެކަމަކު ފާރިސް ބަންދުކޮށްފައި ހުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ކަން ފާހަގަކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވެފައިވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށް ދިނުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު މަޖިލީހަށް ވަޑައިގަތުމަށް ހުރަސް ނޭޅުމުގެ ގޮތުން ޝަރީއަތް މެދުކަނޑާލެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސް ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު ވިދާޅުވީ ފާރިސް މަޖިލީހަށް ހާޒިރުކުރުމުގެ ބަދަލުގައި މިހާރު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ މަޖިލީހަށް ހާޒިރުކޮށްދޭން އެންގުމެއް ނާންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އެންގުމެއް ނާދޭ ފާރިސް މަޖިލީހަށް ހާޒިރުކުރާކަށް،" ތަރުޖަމާނު ވިދާޅުވި އެވެ.

ފާރިސް މަޖިލީހަށް ހާޒިރުކުރަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި ދިނުމަށް އެދި ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެކަމަކު އެގޮތަށް މަޖިލީހުގެ ރައީސް އެއްވެސް ފަރާތަކަށް އެންގެވި ކަމެއް ސާފެއް ނުވެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ފަހުން މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފަ އެވެ. ޖަލްސާ ފެށުމުގެ ކުރިން ވެސް ޗެމްބަރު ތެރެއަށް ސިފައިން ވެއްދުމުން އެކަމާ އިދިކޮޅު މެމްބަރުން ވަރަށް ގިނަ އިރު ވަންދެން އަޑު އުފުލި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހެ އެވެ. އެކަމަކު ފާރިސްގެ ކުރިން ހައްޔަރުކުރި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މަޖިލީހަށް ހާޒިރުކޮށެއް ނުދެ އެވެ.

މިއަދު ހަވީރު ވެސް ފާރިސްގެ ޝަރީއަތް އޮންނާނެ އެވެ.