27 ޖޫން 2016 - 08:05

އާލިއާ ބަޓްގެ "އުލްތާ ޕަންޖާބު"ގެ ކާމިޔާބުން އޭނާގެ ފިލްމީ ކެރިއަރަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ" ތައާރަފްވި އާލިއާ ވަނީ "2 ސްޓޭޓްސް"، "ހައިވޭ" ފަދަ މޮޅު ފިލްމުތައް ކުޅެފަ އެވެ.
އާލިއާ، 23، ބުނާ ގޮތުގައި ދެން އޭނާ ބޭނުން ވަނީ ބޮލީވުޑް ނޫން އެހެން ގައުމުތަކުގެ ފިލްމުތަކުގައި މަސައްކަތް ކުރާށެވެ. އެގޮތުން އޭނާ ދެން ދަތުރުކުރަން ބޭނުންވާ މަންޒިލަކީ "ހޮލީވުޑް" ކަމަށް ވެސް އާލިއާ ވަނީ ބުނެފަ އެވެ.
ކުރީގެ އެކްޓަރުން ކަމަށްވާ ޝަޝީ ކަޕޫރާއި ކަބީރް ބޭދީ އަދި އަމީތާބު ބައްޗަން ފަދަ ތަރިން ހޮލީވުޑްގައި މީގެ ކުރިން މަސައްކަތް ކޮށްފައިވެ އެވެ. އަދި ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ އަދި ނިމްރަތު ކޯރް ފަދަ ތަރިން މިހާރު ވެސް ހޮލީވުޑްގައި ދަނީ މަސައްކަތް ކުރަމުންނެވެ. ޔަގީންވާ ކަމަކީ ބޮލީވުޑް ތަރިން ދުނިޔޭގެ ސަމާލުކަން ހޯދުމުގައި ކުރިޔަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމެވެ.
"އަހަރެން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފިލްމުތައް ވެސް ކުޅެން ބޭނުން. މިހާރު މިދަނީ ލަންޑަނަށް. ނަމަވެސް ޗުއްޓީއަށް. އޭގެ ފަހުން ހޮލީވުޑަށް ދިއުން އުންމީދަކީ،" އާލިއާ ބުނެފައި ވެއެވެ.
އާލިއާގެ ކުރިޔަށް ހުރި ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ޝުއްދީ"، "ބަދުރީނާތުކީ ދުލްހަނިޔާ" އަދި ގޯރީ ޝިންޑޭގެ ޝާހްރުކް ޚާން އުޅޭ ފިލްމު ހިމެނެ އެވެ.