ހަރަމްފުޅަކީ ބައިނަލްއަގުވާމީ ތަނަކަށް ހަދަން އުޅުމަކީ ހަނގުރާމައެއް: ސައުދީ
ހަރަމްފުޅަކީ ބައިނަލްއަގުވާމީ ތަނަކަށް ހަދަން އުޅުމަކީ ހަނގުރާމައެއް: ސައުދީ

މަނާމާ (ޖުލައި 31) - މައްކާ އާއި މަދީނާގެ މާތްވެގެންވާ ތަންތަނަކީ ބައިނަލްއަގުވާމީ ތަންތަނަށް ހަދަން ގަތަރުން މަސައްކަތް ކުރުމަކީ ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް ކަމަށް ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

"މައްކާ އާއި މަދީނާގެ މުގައްދަސް ތަންތަނަކީ ބައިނަލްއަގުވާމީ ތަންތަނަށް ހަދަން އުޅޭ ކޮންމެ ބަޔަކަށް ސައުދީން ރައްދު ދޭނަން،" ބަހުރޭނުގެ ވެރިރަށް މަނާމާގައި ބޭއްވި ހަތަރު ގައުމުގެ ބައްދަލުވުމަށް ފަހު އަލް އަރަބިއްޔާ އަށް ދެއްވި އިންޓަވިއުއެއްގައި ޖުބައިރު ވިދާޅުވި އެވެ.

ހައްޖަކީ ސިޔާސީ ކަމަކަށް ހަދަން ސައުދީން މަސައްކަތް ކުރަމުންދާ ކަމަށް ގަތަރުން ބުނި ވާހަކަތައް ޖުބައިރު ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި ހައްޖަށް ދިއުމަށް ގަތަރު މީހުންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައްޖުގެ އަޅުކަމަށް އަންނަ އެންމެންނަށް ކަންކަން ކޮށްދިނުމުގައި ތަފާތެއް ނުގެންގުޅޭކަން ތާރީޚުން ހެކިވާނެ،" ޔޫއޭއީ، މިސްރު، ބަހުރޭނުގެ ޚާރިޖީ ވަޒީރުންނާ އެކު ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނެކޭ އެއްގޮތަށް ގަތަރު މީހުން ވެސް ހައްޖަށް ދިއުމަށް މަރުހަބާ ކިޔަން."