01 އޯގަސްޓް 2017 - 10:25

މީގެ އަށް އަހަރު ކުރިން، ފ. ދަރަނބޫދުއަށް ދިޔަ އެ އަތޮޅު މަގޫދޫ އަންހެނުންތަކެއް، އެނބުރި ރަށަށް ދާން އުޅެނިކޮށް، ދޯނީގައި އިން އަންހެނެއްގެ އަތުން އޭނާގެ ހަތް މަހުގެ ދަރިފުޅު މޫދަށް ވެއްޓުނެވެ. ބަނދަރު މަތީގައި އެ ވަގުތު ގިނަ ބަޔަކު ތިބި ނަމަވެސް، އެ ކުއްޖާ ސަލާމަތް ކުރުމަށް މޫދަށް ފުންމާލެއްވީ، ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދެވެ.

މީގެ ދެތިން ދުވަސް ކުރިން ވެސް ޒުބޭރު ވަނީ، ހަމަ އެ ބަނދަރަށް ވެއްޓި ގެނބެމުން ދިޔަ، ބިދޭސީއަކު ސަލާމަތްކޮށް ގިނަ ބައެއްގެ ތައުރީފް ހޯއްދަވާފަ އެވެ.
ދަރަނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރު ނާރަޔަން ރާޖް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މޫދަށް ވެއްޓުނީ ޒުބޭރާ އެކު ޑިންގީއެއްގައި މަހަށް ގޮސް، އެނބުރި އައިސް މަސްތައް ބަނދަރަށް ބާލަން އުޅެނިކޮށެވެ. ޑޮކްޓަރު މޫދަށް ވެއްޓުނު އިރު، ޒުބޭރު ހުންނެވީ ޑިންގީގެ އެއްކޮޅުގައި ފުރަގަސްދެއްވައިގެންނެވެ.
މޫދަށް ވެއްޓުމާ އެކު އޭނާ އަޑިއަށް ދިޔަ އެވެ. އެކަމަކު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޒުބޭރު މޫދަށް ފުންމާލައްވައި، މޫދު އަޑީގައި އޮތް ރާޖް ސަލާމަތް ކުރެއްވި އެވެ.
ޑޮކްޓަރު މޫދުން ނެގި އިރު ވަރަށް ބޮޑަށް ލޮނުބޮވިފައި ހުރި ނަމަވެސް އިތުރު ފަރުވާއެއް ދޭކަށް ނުޖެހުނެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ބަންދަށް އުފަން ރަށަށް ވަޑައިގެން ހުންނެވި ޒުބޭރަށް، މީގެ އަށް އަހަރު ކުރިން، ތުއްތު ކުއްޖާ ސަލާމަތް ކުރެއްވުނީ ވެސް އާދަޔާހިލާފު ގޮތަކަށެވެ.
ރޭގަނޑު ގަޑީގައި އަންހެނުންތައް ފުރަން ވެގެން އުޅެނިކޮށް، ތުއްތު ކުއްޖާ މޫދަށް ވެއްޓުނު އިރު އެ ސަރަހައްދުގައި އަލިކަމެއް ވެސް ނެތެވެ. ކުއްޖާ ވެއްޓުނު އިރު، އެތާ ކައިރީގައި ޒުބޭރު ވެސް ނެތެވެ.
އެކަމަކު ކުއްޖަކު މޫދަށް ވެއްޓިއްޖެއޭ ކިޔާ މީހުން ހަޅޭއްލަވައިގަތް އަޑަށް، ދުރުގައި ހުންނެވި ޒުބޭރު ވަޑައިގެން މޫދަށް ފުންމާލެއްވީ އެވެ. އެތަން އޭނާ ފާހަގަކުރެއްވީ، ކުއްޖާ ވެއްޓުނު ތަނުގެ ލޮނުގަނޑަށް އައިސްފައި އޮތް ބަދަލުންނެވެ.
އެނގިފައިވާ ގޮތުގައި ޒުބޭރަށް ތުއްތު ކުއްޖާ އަތުޖެހުނީ ވެސް ހައެއްކަ ފޫޓު އަޑިންނެވެ. ނެޕީ ޖަހާފައި އޮތުމުން އަޑިއަށް ނުގޮސް އެހިސާބުގައި ހިފެހެއްޓިފައި އޮތީ އެވެ.
އެ ކުއްޖާއަށް ވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ވި އެވެ.
ޒުބޭރުގެ ރައްޓެއްސަކު ބުނި ގޮތުގައި މި ދެ ހާދިސާ އިން ބައެއްގެ ފުރާނަ ސަލާމަތްކޮށްދެއްވުނަސް އެއީ މާ ބޮޑު ކަމަކަށް ހައްދަވައިގެން ގާޒީ ނޫޅުއްވަ އެވެ. ސަބަބަކީ، ރަހުމަތްތެރިޔާ ކިޔައިދިން ގޮތުގައި، އެތަން އެހެން މީހަކަށް ފެނުނަސް ފުންމާލައިގެން ސަލާމަތްކުރަން އުޅޭނެކަން ޒުބޭރު ގަބޫލުކުރައްވާތީ އެވެ. އެކަމަކު އެފަދަ ދެ ހާދިސާއެއް އޭނާއާ ކުރިމަތިވެވަޑައިގެންނެވުމުން ޒުބޭރު ހުންނެވީ ހައިރާންވެވަޑައިގެންފައި ކަމަށް ރަހުމަތްތެރިޔާ ބުންޏެވެ.
މޫދަށް ވެއްޓޭ ކޮންމެ މީހެއްގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. މީގެ ދެތިން އަހަރު ކުރިން، ދަަރަނބޫދޫގައި މަސައްކަތް ކުރި ބިދޭސީ ޓީޗަރަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން ވަނީ މަަރުވެފަ އެވެ.
އެކަމަކު ޒުބޭރުގެ މަސައްކަތުން ދެ ފުރާނައެއް ސަލާމަތް ކުރެވުނީތީ ދަރަނބޫދޫގެ ރައްޔިތުން އަންނަނީ އޭނާއަށް ޝުކުރު އަދާކުރަމުންނެވެ.