އަންނަ ހަފުތާގެ ފިލްމަކީ "ޖަބް ހެރީ މެޓް ސޭޖަލް"
އަންނަ ހަފުތާގެ ފިލްމަކީ "ޖަބް ހެރީ މެޓް ސޭޖަލް"

އަންނަ ހުކުރު ދުވަހަކީ ބޮލީވުޑަށް އަނެއްކާވެސް ބޮޑު ދުވަހެކެވެ. ޝާހްރުކް ޚާން އާއި އަނުޝްކާ ޝަރުމާގެ "ޖަބް ހެރީ މެޓް ސޭޖަލް" ހުކުރު ދުވަހު ރިލިޒްކުރާނެ އެވެ. ފިލްމުގެ އެޑްވާންސް ބުކިންގްސް މިހާރު ވަނީ ފެށިފަ އެވެ.

މިއީ ޝާހްރުކްގެ ރޮމެންޓިކް ފިލްމުތައް ބެލުމަށް ލޯބިކުރާ މީހުންނަށް ވަރަށް ހިތްހަމަޖެހޭނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ އޭނާގެ އެންމެ ފަހުގެ ފިލްމު "ރައީސް" އަކީ އެހާ ރޮމެންޓިކް ފިލްމަކަށް ނުވާތީ ޝާހްރުކްގެ ފޭނުން މާޔޫސްވެފައި ވާތީ އެވެ.

މިހާރު ޝާހްރުކް އާއި އަނުޝްކާ އުޅެނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކަށް ކުރި ދަތުރު ނިންމާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

"ޖަބް ހެރީ މެޓް ސޭޖަލް" އަކީ އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އިމްތިޔާޒަކީ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު ކުޅެފައިވާ ވަރަށް ރީތި ފިލްމެއް ކަމަށްވާ "ޖަބް ވީ މެޓް" ގެ ވެސް ޑައިރެކްޓަރެވެ. އެހެންކަމުން އިމްތިޔާޒުގެ ފިލްމުތައް ހުށަހަޅައިދޭ ގޮތް ވަރަށް ތަފާތުކަމާއި އެ ސްޓައިލަށް ލޯބިކުރާ ފަރާތްތަކަށް މި ފިލްމު ވަރަށް ކަމުދާނެ އެެވެ.

މި ވާހަކައިގައި ސޭޖަލް (އަނުޝްކާ) އުޅެނީ މީހަކާ އެންގޭޖްވެގެންނެވެ. ނަމަވެސް ޔޫރަޕަށް ކުރި ދަތުރެއްގައި އޭނާ އަތުން އެންގޭޖްމަންޓް އަނގޮޓި ގެއްލެނީ އެވެ. ހެރީ (ޝާހްރުކް) ސޭޖަލް އަށް އަނގޮޓި ހޯދުމުގައި އެހީތެރިވެދެ އެވެ. ނަމަވެސް އަނގޮޓި ހޯދުމަށް ކުރި މަސައްކަތުގައި ދެ މީހުން އެކުގައި ހޭދަކުރި ވަގުތުތަކުގައި އެކަކު އަނެކަކު ދެކެ ލޯބި ވެވިއްޖެކަން އެ މީހުންނަށް އެނގެ އެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ "ހެރީ މެޓް ސޭޖަލް"ގައި ޖަވާބުދޭން މަސައްކަތް ކޮށްފައިވާ ސުވާލެވެ.