"ޖަލަކް ދިކް ލާ ޖާ"ގެ މިފަހަރުގެ ސީޒަންގެ ޖަޖަކަށް ޝްރީދޭވީ
"ޖަލަކް ދިކް ލާ ޖާ"ގެ މިފަހަރުގެ ސީޒަންގެ ޖަޖަކަށް ޝްރީދޭވީ

ސެލެބްރިޓި ޑާންސް ޝޯ "ޖަލަކް ދިކް ލާ ޖާ"ގެ 10 ވަަނަ ސީޒަން ފަށަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. މިފަހަރުގެ ސީޒަންގައި ފަނޑިޔާރުކަން ކުރާނީ ގޯވިންދާ އާއި މަލައިކާ އަރޯރާ އަދި ޝްރީދޭވީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މި ޝޯގެ އެންމެ ފަހު ސީޒަންގެ ޓީއާރުޕީ ދަށްކަމުން ޝޯއަށް ބޮޑު ބަދަލުތަކެއް ގެންނަން، ޝޯ އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ.

ކުރީގެ ސީޒަންގައި ޖަޖްކަން ކުރީ ފިލްމީ ތަރި ޖެކްލީން ފެނާންޑިސް އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އަދި ކޯރިއޮގްރާފަރު ގަނޭޝް ހެގްޅޭ އާއި ފަރަހަ ޚާން އެވެ. މި ޝޯ ހަ މަހަށް ދިގުލައިގެން ގޮސް އެންމެ ފަހުން ކޮންމެ ގޮތެއް ހަދާފައިވެސް ޝޯ ނިންމާލަން ކަލާޒް އިން ނިންމީ އެވެ. އަދި ދެން ކަލާޒް އިން މި ޝޯގެ އާ ސީޒަނެއް ނުދައްކާނެ ކަމުގެ ޚަބަރުތައް ވެސް އޭރު ފެތުރުނެވެ. ނަމަވެސް ޝޯ މުޅިން ދޫކޮށްލަން ކަލާޒް އިން ބޭނުން ނުވާ ކަން މިހާރު ވަނީ ހާމަވެފަ އެވެ.

މި ޝޯގެ ފަނޑިޔާރުކަން ކޮށްފައިވާ ތަރިންގެ ތެރޭގައި މާދުރީ ޑިކްޝިޓް، ޖޫހީ ޗައުލާ، ޝިލްޕާ ޝެޓީ އަދި ޝާހިދު ކަޕޫރު ފަދަ ފިލްމީ ތަރިން ވެސް ހިމެނެ އެވެ.

މިފަހަރުގެ ސީޒަންގައި ވަރަށް މަޝްހޫރު ތަރިން ވާދަކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.