ސިޓީ އަށް ޔުއެފާގެ އަދަބެއް އަތުވެދާނެ!
ސިޓީ އަށް ޔުއެފާގެ އަދަބެއް އަތުވެދާނެ!

ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 31) - މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދުކުރި ގޮތް ޔުއެފާގެ ތަހުގީގު ޓީމަކުން ބަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީ އަކީ ފީފާގެ ފައިނޭންޝިލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފަށް ހަރަދުކޮށްފައިވާތީ މީގެ ކުރިން އަދަބު ދީފައިވާ ޓީމެކެވެ. އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަނީ މިހާތަނަށް 218 މިލިއަން ޕައުންްޑް ހަރަދުކޮށްފަ އެވެ. މިއީ 2009 ވަނަ އަހަރު ރެއާލް މެޑްރިޑް އެއް ޓްރާންސްފާ މާކެޓްގައި އެންމެ ގިނައިން ކުރި ހޭދައަށް ވުރެން ވެސް އިތުރު އަދަދެކެވެ.

ސިޓީން ދާދި ފަހުން ވަނީ އަދި އިތުރު ދެ ކުޅުންތެރިއަކު އެ ޓީމާ ގުޅޭނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭގެ އިން އެއް ކުޅުންތެރިއަކީ އާސެނަލްގެ އަލެކްސިސް ސަންޗޭޒް އެވެ. ސަންޗޭޒް ހޯދަން ސިޓީން 50 މިލިއަން ޕައުންޑަށް ވުރެން މަތިން ހަރަދުކުރާނެ ކަމަށް ބެލެވެ އެވެ.

އެފްއެފްޕީ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ ޓްރާންސްފާ މާކެޓެއްގައި 140 މިލިއަން ޕައުންޑަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. އެންމެ ފަހުން ސިޓީން ނެރުނު އެ ޓީމުގެ އަހަރީ ރިޕޯޓްގައި ބުނާގޮތުން އެ ޓީމުގެ ދަރަނި އޮތީ 35 އިންސައްތައިގަ އެވެ.

އެފްއެފްޕީ ގަވައިދު ބުނާގޮތުން ކްލަބްގެ ވެރިއަކު އެ ޓީމަށް ހަރަދު ކުރުމަށް ވަކި އޮނިގަނޑެއް ގެންގުޅެން ޖެހެ އެވެ. ކްލަބެއްގެ ވެރިޔެއްގެ މާލިއްޔަތުގައި ހުންނަ ފައިސާއިން ކްލަބަށް ހަރަދުކުރާނެ މިންގަނޑެއް ކަނޑައެޅިގެން ބަޔާން ކުރެވެން ޖެހެ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ސިޓީން ވަނީ މިހާތަނަށް ފަސް ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ މޮނާކޯ އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ، ފްރާންސްގެ ވާތު ބެކް ބެންޖަމިން މެންޑީ، ބެންފީކާގެ ޒުވާން ގޯލްކީޕަރު ބްރެޒިލްގެ އެޑެސަން، ޓޮޓެންހަމްގެ ފުލްބެކް ކައިލް ވޯކާ އަދި ރެއާލް މެޑްރިޑްގެ ފުލްބެކް ޑެނީލޯ އެވެ. މީގެ އިތުރުން ވެސް ސިޓީން އަންނަނީ އިތުރު ކުޅުންތެރިންނަށް ފާރަލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިތުރު ކުޅުންތެރިންތަކެއް ނުވިއްކައި 30 މިލިއަން ޕައުންޑަށް ވުރެ މަތީ އަގަކަށް ކުޅުންތެރިއަކު ގަނެފިނަމަ އެ ޓީމު އެފްއެފްޕީ ގަވައިދާ ހިލާފުވުމުގެ ފުރުސަތު ބޮޑެވެ.

އެފްއެފްޕީ ގަވައިދާ ހިލާފުގެން މީގެ ކުރިން ވެސް ސިޓީ އަށް އަދަބުދީފައިވާއިރު ދެ ވަނަ ފަހަރަށް އެ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެ ޓީމަށްދޭ އަދަބު ބޮޑުވާނެ އެވެ. އެފްއެފްޕީ ގަވައިދާ ހިލާފުވުމުން ދޭނެ އެންމެ ހަރުކަށި އަދަބަކީ ދެ އަހަރު ދުވަހަށް ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރުމެވެ.