31 ޖުލައި 2017 - 13:21

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް އެކްސިޑެންޓް ނުވެ ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

"މިހާރު" އަށް އެންގިފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސިންގަޕޫރުން އައި އެސްކިއު 452 ސަލާމަތްވީ އެ ބޯޓު ޖައްސަން އައިއިރު ރަންވޭމަތީގައި އެހެން ބޯޓެއް އޮއްވައި ފެނިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު އަނބުރާލުމުންނެވެ. އޭރު ދުބާއީ އަށް ފުރަން ވެގެން ފްލައި ޑުބާއީގެ މަތިންދާބޯޓެއް ރަންވޭ މަތީގައި އޮތް ކަމަށް ވެސް އެނގިފައިވެ އެވެ. މިއީ އާންމުކޮށް ދިމާނުވާ، އަދި ވަރަށް ރިސްކް ބޮޑު ހާލަތެކެވެ.
އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މުވައްޒަފަކު ނުރަސްމީކޮށް ބުނީ ސިންގަޕޯ އެއާލައިންސްގެ ބޯޓު އަނބުރާލާފައި ދާން ޖެހުނީ ފްލައި ޑުބާއީގެ ޕައިލެޓް ހެދި ގޯހަކުން ކަމަށެވެ. އަދި އެ ވަގުތު ޖައްސަން އައި ބޯޓަށް އަނބުރާލާފައި ދާން އެންގީ އާންމު އުސޫލްގެ މަތިން ކަމަށް ވެސް އޭނާ ބުންޏެވެ.
އެސްކިޔޫގައި އިން ފަސިންޖަރަކު ބުނީ ބޯޓު ހަމަ ކުއްލިއަކަށް މައްޗަށް އަރައިގެން ދިޔައީ ކަމަށެވެ.
"އޭޓީސީން ސިންގަޕޯ އެއާލައިންސް އަށް އަނބުރާލާފައި ދާން އެންގީ ފްލައި ޑުބާއީ އަށް ފުރަން އެންގި ވަގުތު ނައްޓާނުލެވުމުން. އެހެންވެ ރަންވޭ ހުސް ނުވުމުން ކުއްލިއަކަށް ބޯޓު މައްޗަށް އަރައިގެން ދިޔައީ،" ފަސިންޖަރު ބުންޏެވެ.
އޭނާ ބުނީ އޭރު ބޯޓު ޖައްސަން ތިރިކޮށް ދުއްވަމުން އައީ ރަންވޭގެ ދެކުނުން ކަމަށެވެ.
"ޕައިލެޓް ވެސް ބުނި ޖައްސަން ދިޔައީ އޭޓީސީން ޖައްސަން ހުއްދަ ދިނުމުން ކަމަށް. އެކަމަކު ރަންވޭ މަތީގައި ބޯޓެއް އެބަ އޮތޭ އޭރު ޕައިލެޓް ވެސް ބުނި،" އެ ޕެސެންޖަރު ބުންޏެވެ.
މިއީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އެކަމަކު އެފަދަ ވަގުތެއްގައި ހެދޭ ކުޑަ ގޯހަކުން ވެސް ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން އެކަށީގެންވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.