ބާސެލޯނާ އިން އޮޒިލް އަށް ފާރަލަނީ
ބާސެލޯނާ އިން އޮޒިލް އަށް ފާރަލަނީ

ލަންޑަން (ޖުލައި 31) - ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ ނުލިބިއްޖެނަމަ އާސެނަލްގެ މެސުޓް އޮޒިލަށް ބިޑް ކުރުމަށް ބާސެލޯނާ އިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުޓީނިއޯ ހޯދަން ބާސެލޯނާ އިން މިހާތަނަށް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވެ އެވެ. ބާސެލޯނާ އިން ފުރަތަމަ ހުށަހެޅި 80 މިލިއަން ޔޫރޯގެ ބިޑަށް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފަ އެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޓީނިއޯ އެއްވެސް އަގެއްގައި ނުވިއްކާނެ ކަމަށް ލިވަޕޫލުން ބުނެފައި އޮތް ބުނުން އެ ޓީމުން އަންނަނީ ދަމަހައްޓަމުންނެވެ.

ކުޓީނިއޯއާ އެކު ލިވަޕޫލުން ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގައި އާ ކުރިއިރު، އޭނާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލު ކުރުމުގެ ފުރުސަތު ކުޑަ އެވެ. އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، ބާސެލޯނާގެ ވިސްނުން ހުރީ އޮޒިލަށް ބިޑް ކުރުމަށެވެ.

އޮޒިލް ވަނީ ދާދި ފަހުން މި ސީޒަނުގައި އޭނާ ފެންނާނީ އާސެނަލުން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އޮޒިލް އަށް ބާސެލޯނާ އިން 65 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު އާސެނަލަށް ލިބިފައިނުވާތީ އެ ޓީމަށް ކުޅޭ ޗިލީގެ އަލެކްސިސް ސަންޗޭޒް ވެސް އެ ޓީމު ދޫކޮށްލަން ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތީ ވޯލްޑް ކަޕް އަހަރަކަށްވާތީ ޖާމަނީ ޓީމުން ޖާގަ ހޯދުމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އޮޒިލް ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާގެ އޭޖެންޓް ދާދި ފަހުން ވަނީ ބުނެފަ އެވެ.