31 ޖުލައި 2017 - 10:37

މަނާމާ (ޖުލައި 31) - ގަތަރަށް ކުރި ޑިމާންޑްތައް ގަބޫލްކުރާ ނަމަ އެ ގައުމާ އެކު މަޝްވަރާތައް ފަށަން ތައްޔާރަށް އޮތް ކަމަށް ގަތަރާ ގުޅުން ކަނޑާލި ހަތަރު ގައުމުން ބުނެފި އެވެ.
ގަތަރު މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބަހުރޭނުގެ ވެރިރަށް މަނާމާގައި ވަނީ ސައުދީ އަރަބިއާ، މިސްރު، ބަހުރޭން އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުން އިއްޔެ ބައްދަލުކޮށްފަ އެވެ.
"ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ގަތަރުން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓާލުމަށް ފަހު އެ ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުބެހި އަދި 13 ޝަރުތު ގަބޫލް ކުރާ ނަމަ ގަތަރާ އެކު މަޝްވަރާ ކުރުމަށް ހަތަރު ގައުމުން ތައްޔާރު،" ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަހުރޭނުގެ ޚާރިޖީ ވަޒީރު ޝެއިޚް ޚާލިދު ބިން އަހުމަދު އަލް ޚަލީފާ ވިދާޅުވި އެވެ.
ބައްދަލުވުމުގައި ގަތަރަށް އިތުރަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޝްވަރާ ކުރާނެ ކަމަަށް ބެލެވުނު ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާސްކޮށްފައެއް ނުވެ އެވެ.
ހަތަރު ގައުމުން ގަތަރަށް ކުރިން ކުރިމަތިކުރި 13 ޝަރުތު ދޫކޮށްލުމަށް ފަހު، ފަހުން ވަނީ މައިގަނޑު ހަ ކަމެއް ހުށަހަޅައިފަ އެވެ.
ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ގައުމުތަކުން ހުށަހެޅި ޑިމާންޑްތައް ފުރިހަމަ ކުރަން ގަތަރުން ސީރިއަސް ނޫން ކަމަށެވެ.
"ގަތަރުން ސީރިއަސް ނަމަ ޑިމާންޑްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޅުގަނޑުމެން ތައްޔާރު،" އޭނާ ވިދާޅުވި އެވެ.
ހަތަރު ގައުމުން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެފައި ވަނީ ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށެވެ.
"މަނާމާގެ ބައްދަލުވުމުން ވެސް މަންޒަރު ސާފެއް ނުވޭ. އަދިވެސް ފެންނަނީ ގަވާއިދާ ޚިލާފަށް ގަތަރަށް ފިޔަވަޅު އެޅި ގައުމުތަކުން އެ މީހުންގެ ހަރުކަށި ސިޔާސަތު ކުރިއަށް ނެރޭތަން،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.