ގައުމީ އިނާމާއި ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ގައުމީ އިނާމާއި ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން އަބްދުއްރަޝީދު ހުސައިން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ގައުމީ އިނާމު ދޭނީ މުޖުތަމައުގެ ލާބަ އަށް މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާތައް ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ އިނާމު ދެނީ ދެ ގިންތިއަކުންނެވެ. އެއީ ޝަރަފްވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމެވެ.

"މައިގަނޑު 31 ދާއިރާއަކުން މި އަހަރު ވެސް އިނާމަށް ކުރިމަތިލާން ހުޅުވާލާފައިވާނެ. މި ފަހަރު، ސަރުކާރުގެ މުއައްސަސާތަކާ ވެސް ވާހަކަ ދައްކައިގެން، އިނާމު ދޭ ރޮނގުތަކަށް ވާނީ ކޮންމެވެސް ބަދަލުތަކެއް ގެނެސްފައި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

މި ފަހަރު އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ، އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި އިޖުތިމާއީ ރައްކާތެރިކުރުމުގެ ދާއިރާ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާ އާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އަށެވެ.

ހާއްސަ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މުޖުތަމައުގެ އެކި ރޮނގުތަކުން ކާމިޔާބު ހޯދާ މީހުންގެ އަގު ވަޒަން ކުރަން ރައީސް އަބްދުﷲ ޔާމީން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވީހާ ވެސް ގިނަ ބަޔަކު އިނާމަށް ކުރިމަތިލުމަށް ޝައިނީ އެދިވަޑައިގެންނެވި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް އިނާމު ދެއްވާ ދާއިރާތައް:

1- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލްކުރުމުގައި ފާހަގަކުރެވޭ ކާމިޔާބެއް ހާސިލްކޮށްފައިވުން.

2- މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެ މަތީ ވަނަ ހޯދުން.

3- ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.

4- ރާއްޖެ އަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން ސައިންޓިފިކް ތަހުލީލެއް ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަ ކޮށްލެވޭ ފަދަ އާދަޔާ ހިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދުން.

5- ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

ގައުމީ އިނާމާއި ހާއްސަ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އޮގަސްޓް 15ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.