31 ޖުލައި 2017 - 09:13

މެންޗެސްޓާ (ޖުލައި 31) – ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނެމަންޔާ މަޓިޗް 40 މިލިއަން ޕައުންޑަށް ގަތުމާ ގާތަށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިލައިފި އެވެ.
ޔުނައިޓެޑުގެ ކޯޗު އަދި ޗެލްސީގައި މަޓިޗަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ބުނީ މަޓިޗް އެ ޓީމަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އިންތިޒާރުކުރަމުން އަންނަނީ އެކަން ނިމުމުގެ ހަބަރަށް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އަހަރެމެންނަށް އެބައޮތް ފުރުސަތު. ޖާޒީ ނަމްބަރު 31 އެއޮތީ ހުސްކޮށް،" މޮރީނިއޯ ބުންޏެވެ.
އުމުރުން 28 އަހަރުގެ މަޓިޗް 2009 އިން 2011 އަށް ޗެލްސީ އަށް ކުޅުނުއިރު ޗެލްސީން އޭނާ ޕޯޗުގަލްގެ ބެންފީކާ އަށް 2011 ވަނަ އަހަރު ވިއްކާލީ ޑަވިޑް ލުއިޒް ގެނައި ޑީލުގެ ތެރެއިންނެވެ. ޗެލްސީ އަށް އަލުން ގެނައީ 2014 ވަނަ އަހަރު މޮރީނިއޯ އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ޗެލްސީ އަށް ޓިމޯ ބަކަޔޯކޯ ގެނައުމާ އެކު މަޓިޗަށް ލިބޭ ފުރުސަތު ކުޑަވާނެ އެވެ.
ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ މަޓިޗް ގެންދަން ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާގެ ކުރީކޮޅު ވެސް މަސައްކަތްކުރި އެވެ. އެކަމަކު ޗެލްސީން ގެންނަން މަސައްކަތްކުރި ރޮމެލޫ ލުކާކޫ، ޔުނައިޓެޑުން ގެނައުމާ އެކު ދެ ކްލަބުގެ މެދުގައި މައްސަލަ ގޯސްވީ އެވެ.
މަޓިޗް އަތުވެއްޖެ ނަމަ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަސްލު ކުޅުން ދައްކަން ފަސޭހަވެގެންދާނެ އެވެ. އިދިކޮޅު ޓީމުގެ ހަމަލާތައް ރޫޅާލުމުގެ މަސައްކަތާ މަޓިޗް ހަވާލުވުމާ އެކު ޕޮގްބާ އަށް މެދުތެރެއިން ހުސް ރޯލެއް ލިބެ އެޓޭކުގައި ބައިވެރިވާން ފުރުސަތު ލިބިގެންދާނެ އެވެ.
ޔުނައިޓެޑުން ވަނީ އާ ސީޒަނަށް ލުކާކޫގެ އިތުރުން ސްވިޑަން ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ގެނެސްފަ އެވެ.