01 އޯގަސްޓް 2017 - 06:15

އިންޑިއާ އަންހެނަކު އޭނާ އާއި ދެ ދަރިންނަށް އެސިޑް ހަމަލާ ދިން ފިރިމީހާއާ އެކު އުމުރު ހޭދަކުރަން ޖެހިފައިވާ ސަބަބު ކިޔައިދީފި އެވެ.
އިންދަރުޖީތު މަހޫރު، 60، ވަނީ އޭނާގެ އަނބިމީހާ ގީތާ މާހޫރު، 40، އާއި ދެ އަންހެން ދަރިން ކަމަށްވާ ނީތޫ އާއި ކްރިޝްނާ އަށް އެސިޑުން ހަމަލާ ދީފަ އެވެ. އޭރު ނީތޫގެ އުމުރުން ތިން އަހަރެވެ. ކްރިޝްނާއަށް 18 މަހެވެ. މި އަނިޔާވެރި ހަމަލާއަށް 25 އަހަރު ވެއްޖެ އެވެ. އެކަމަކު އަދިވެސް މި އާއިލާ އުޅެނީ އަނިޔާވެރި ފިރިމީހާއާ އެކުގަ އެވެ.
އުއްތަރު ޕްރަދޭޝްގެ އާގަރާގައި ހުންނަ ގީތާގެ މަންމަގެ ގޭގައި ގީތާ އާއި އޭނާގެ ދެ ދަރިން ނިދާފައި ތިއްބާ ފިރިމީހާ ގޮސް އެކުދިންނާއި ގީތާގެ މޫނަށް އެސިޑް އެޅުމުގެ ސަބަބުން ގީތާގެ ސިފަ ވަކިނުވާ ވަރަށް މޫނު ވަނީ ހަލާކުވެފަ އެވެ. އަދި މިހާރު 26 އަހަރުގެ ނީތޫގެ ލޯ ވަނީ އަނދިރިވެފަ އެވެ. އޭރު އެންމެ ދޮޅު އަހަރުވީ ކްރިޝްނާގެ ގައިން ފިހުނު ތަންތަނަށް ފަރުވާ ދީފައި ހޮސްޕިޓަލުން ދޫކޮށްލިތަނާ އިންފެކްޝަނެއް ޖެހި އެ ބަލީގައި މަރުވީ އެވެ.
ގީތާއަށް މި ލިބުނު ބޮޑު އަނިޔާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފަހުން ފިރިމީހާއަށް މާފުކުރީ އެކަނި ދަރިން ބެލޭނެ ގޮތެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެމީހުން އިންތިހާއަށް ފަގީރެވެ. އަދި އަވަށްޓެރިންގެ ފަަރާތުން ވެސް އެމީހުންނަށް ވަރަށް ޕްރެޝަރު ކުރާ ކަމަށާއި އެ ހިސާބު ދޫކޮށް ދިއުމަށް އެމީހުންނަށް އަމުރު ކުރާ ކަމަށް އޭނާ ބުންޏެވެ.
އަނިޔާވެރި ހަމަލާއަށް އަށް އަހަރު ފަހުން ގީތާ އާއި އިންދަރުޖީތަށް އިތުރު އަންހެން ދަރިއަކުވެސް ވަނީ ލިބިފަ އެވެ. ފިރިމީހާއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކޮށްދެ އެވެ.
ގީތާ ބުނި ގޮތުގައި މިހާރުވެސް ރަލުގެ މަސްތުގައި ހުރެގެން ފިރިމީހާ އޭނާއަށް އަނިޔާ ކުރެ އެވެ.
"އަނިޔާވެރި ހަމަލާ ދިންތާ ފުރަތަމަކޮޅު ފިރިމީހާ ވަރަށް ރަނގަޅު މީހަކަށް ވެގެން އުޅުނީ. ދެން އަނެއްކާވެސް ރާ ބުއިމާއި ޖުވާ ކުޅެން ފެށުމާއެކު ކުރީގެ ގޮތަށް އަނިޔާކޮށް މަރާލާނެ ކަމުގެ އިންޒާރު ދޭން ފަށައިފި،" ގީތާ ބުންޏެެވެ.
ގީތާ ބުނި ގޮތުގައި ފިރިމީހާގެ އެއްވެސް ބިރުދެއްކުމަކަށް މިހާރު އޭނާ ބިރެއް ނުގަނެ އެވެ. އަނިޔާވެރި މީހާއާ އެކު ދިރިއުޅެން ޖެހޭތީ ކޮންމެ ރެއަކުވެސް އޭނާއަށް ރޮވެ އެވެ.
ބައްޕަގެ ހަމަލާއިން ނީތޫގެ ފެނުން ވެސް މުޅިންހެން ވަނީ ގެއްލިފަ އެވެ. ނަމަވެސް ބައްޕައާ ދޭތެރޭ އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަދި ބައްޕަ ކުރި ކަންތައްތަކަށް އޭނާ ވެސް ވަނީ މާފު ކޮށްފަ އެވެ.
"އަހަރެން ދުވަހަކުވެސް ބައްޕަ ކައިރީގައި މަންމަ އުޅެނީ ކީއްވެތޯ މަންމައަކާ ސުވާލެއް ނުކުރަން. އަދި ބައްޕަ ދެކެ ރުޅިއެއް ވެސް ނާންނަން،" ނީތޫ ބުންޏެވެ.
އެސިޑް ހަމަލާގެ ސަބަބުން ގީތާ އާއި ދެ ދަރިން ތިން މަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިއްބެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ގީތާ އެނބުރި މަންމަ ކައިރިއަށް ދިޔަ ނަމަވެސް މަންމަ އަތުގައި ވެސް އެމީހުންނަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ.
"ހޮސްޕިޓަލުން ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ އޭރު އެންމެ ހަގަށް ހުރި ކްރިޝްނާ މަރުވީ. އެ ދަރިފުޅުގެ ގައިގައި އޮޅާލާނެ ފޮތިކޮޅެއް ހިސާބު ވެސް އަހަންނަކަށް ގަންނާކަށް ނުލިބުނު. އެހެންވެ އަހަރެންގެ ހެދުމެއް އިރާލާފައި ދަރިފުޅު ގައިގައި އޮޅާލާފައި ގަންގާ ކޯރަށް ފައްތާލީ،" ގީތާ ބުންޏެވެ.
ގީތާ އާއި ދަރިންނަށް ހަމަލާ ދިނުމުގެ ކުށުގައި އިންދަރުޖީތު ޖަލުގައި ތިން މަސް ހޭދަކުރި ފަހުން އޭނާގެ ސިޓީއެއް ގީތާއަށް ލިބުނެވެ. އެ ސިޓީގައި އޭނާއަށް މާފުކޮށްދިނުމަށް އެދިފައިވެ އެވެ. ގީތާ އޭނާ ފރިމީހާ ދެކެ ގަންނަ ބިރުން މައާފު ކޮށްދިނުމުން އިންދަރުޖީތު ޖަލުން ސަލާމަތްވީ އެވެ.
"އޭގެ ފަހުން ވެސް ވަރަށް ގިނަ ދުވަހު އަހަރެން މަންމަގެ ގޭގައި އިނިން. އޭރު ފިރިމީހާ އަބަދު އަބަދު އައިސް އާދޭސްކޮށް މާފަށް އެދޭނެ. މީހުން އަހަރެމެންނަށް ނަފްރަތުކޮށް މަލާމަތްކޮށް ހީނ ހަދާ. އަދި އެހިސާބުގަނޑުން ދިއުމަށް އިންޒާރުވެސް ދޭ. އެހެންވެ އަހަރެން މަޖުބޫރުވެގެން ފިރިމީހާގެ ގެއަށް އެނބުރި ދިޔައީ،" ގީތާ ބުންޏެވެ.
ދަރިންނަށާއި އަނބިމީހާއަށް މިހާ ބޮޑު އަނިޔާއެއް ދެވުނީތީ އިންދަރުޖީތު ވެސް ހިތާމަ ކުރެ އެވެ. އޭނާ ބުނި ގޮތުގައި އެރޭ މަސްތުގެ ހާލަތުގައި ހުއްޓާ، އޭނާއަށް ރައްޓެއްސަކު ދިން އެސިޑް ފުޅިއެއް ހިފައިގެން ގޮސް ކުދި ދަރިންނާއި އަނބިމީހާގެ ގަޔަށް އަޅާލެވުނު ގޮތެއް އޭނާއަކަށް ވެސް ނޭނގެ އެވެ. އަދި އެހާ ބޮޑުވަރުވީ އެސިޑް ޖެހުނު ތަންތަން ފެނުން ދޮވުމުން ކަމަށް އޭނާ ބުންޏެވެ. ފޮތިގަނޑަކުން ފޮހުނު ނަމަ އެހާ ބޮޑުވަރު ނުވާނެކަމަށް އޭނާ ގަބޫލުކުރެ އެވެ.
"އަހަރެންގެ ދަރިފުޅު ނީތޫއަށް ދެވުނު އަނިޔާއާ މެދު އަހަރެން ވަރަށް ދެރަވޭ. ދެ ލޯ އަނދިރިވުމުގެ ސަބަބުން އޭނާ އުޅޭ ހާލު ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ވަރަށް ހިތްދަތިކަން ލިބޭ،" އިންދަރުޖީތު ބުންޏެވެ.