އިންދަރު ކުމާރުގެ ކުއްލި މަރުން ބޮލީވުޑް ހިތާމައިގައި
އިންދަރު ކުމާރުގެ ކުއްލި މަރުން ބޮލީވުޑް ހިތާމައިގައި

ބޮލީވުޑް އެކްޓަރު އިންދަރު ކުމާރުގެ އާއިލާގެ މީހުން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ފިޓްކޮށް ހުރި އުމުރުން އެންމެ 43 އަހަރުގެ މީހެކެވެ. އެއްވެސް ބޮޑު ބައްޔެއް އޭނާގެ ނެތެވެ. އެހެންވެ އޭނާގެ ކުއްލި މަރުން އާއިލާއަށް ލިބުނީ ކުއްލި ހިތާމައެކެވެ. ފިލްމު އިންޑަސްޓްރީ ވެސް ހިތާމަކުރެ އެވެ.

އިންދަރު ކުމާރުގެ ކުއްލި މަރުން ބޮލީވުޑް ހިތާމައިގައި
އިންދަރު ކުމާރުގެ ކުއްލި މަރުން ބޮލީވުޑް ހިތާމައިގައި

އިންދަރު އަކީ ވަރަށް ގިނަ އެކްޓަރުންގެ ގާތް ރައްޓެއްސެކެވެ. އެހެންކަމުން އިންދަރުގެ އާއިލާއަށް ތައުޒިޔާ ކިޔަން އެގެއަށް ގިނަ އަދަދެއްގެ ފަންނާނުން އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

އިންދަރުގެ މަރުގެ ޚަބަރުން އެންމެ ބޮޑު ޝޮކެއް ލިބުނު އެކަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އީޝާ ކޯޕީކަރް އެވެ. އޭނާ ބުނި ގޮތުގައި އެ ޚަބަރު ލިބުމުން އޭނާއަށް ބަޔާންކުރަން ވެސް ނޭނގޭ ވަަރުގެ ހިތާމައެއް ވަނީ ލިބިފަ އެވެ. އެހާ ޅަ އުމުރުގައި އަންބަކާއި ކުޑަ އަންހެން ދަރިއެއް ދޫކޮށްފައި އިންދަރު ދިއުމުން ވަރަށް ދެރަވާ ކަމަށް އީޝާ ބުންޏެވެ.

އީޝާ ބުނި ގޮތުގައި އިންދަރު އަކީ މޮޅު އެކްޓަރަކަށް ވުމަށް ބޭނުންވާ ހުނަރު ހުރި މީހެކެވެ. ނަމަވެސް އޭނާގެ ބައެއް ގޯސް އާދަތަކުގެ ސަބަބުން އޭނާއަށް އެކްޓަރެއްގެ ގޮތުގައި ކާމިޔާބު ނުހޯދުނީ އެވެ.

އިންދަރު މަރުވުމުގެ ހިތާމައިގައި އެކްޓަރު އަނޫޕަމް ކޭރް ކޮށްފައިވާ ޓުވީޓެއްގައި ބުނީ އިންދަރު އަކީ މީހުންނަށް އިހްތިރާމްކުރާ މުރާލި އަދި ކުޅަދާނަ އެކްޓަރެއް ކަމަށެވެ.

ރިތޭޝް ދޭޝްމުކްގެ ޓުވީޓްގައި ވެސް، އިންދަރު މަރުވުމުން ވަރަށް ދެރަވެއްޖެ ކަމަށާއި އޭނާއާ އަބަދުވެސް އިންދަރު ބައްދަލުވަނީ ހިނިތުންވުމަކާ އެކު ކަމަށް ބުނެފައިވެ އެވެ.

އަބީޝެކް ބައްޗަންގެ ޓުވީޓްގައި އިންދަރުގެ ކުއްލި މަރުން ޝޮކެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ވަރަށް ހިތްހެޔޮ ރަނގަޅު އެކްޓަރެއްގެ ގޮތުގައި އަބީޝެކް ސިފަކުރި އެވެ.

ރަވީނާ ޓަންޑަން ވެސް އިންދަރު މަރުވުމުގެ ހިތާމަ ފާޅުކުރި އެވެ. ރަވީނާ ކުރި ޓުވީޓްގައި ބުނެފައިވާ ގޮތުގައި "ކިލާޅިޔޯން ކާ ކިލާޅީ" ގައި އޭނާ ވަނީ އިންދަރު އާއެކު މަސައްކަތް ކޮށްފަ އެވެ. އަދި އޭނާއަކީ ވަރަށް ރަނގަޅު އެކްޓަރެއްގެ ގޮތުގައި ރަވީނާ ވެސް ސިފަ ކުރި އެވެ.

އިންދަރު އަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އޭނާ އަބަދުވެސް އެ ވާހަކަތައް ދޮގުކުރެ އެވެ.

އިންދަރުގެ ކެރިއަރު ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ދަނިކޮށް އެކަމަށް ހުރަސް އެޅުނީ އޭނާގެ ބޮލުގައި ބަތަލާއަކު ރޭޕް ކުރިކަމުގެ އިލްޒާމް އެޅުމުންނެވެ. މިކަން ފެންމަތިވުމާ އެކު ބޮލީވުޑްގައި ތިބި އިންދަރުގެ އެކުވެރިންގެ ތެރެއިން ވެސް ގިނަ ބަޔަކު އޭނާއާ ދުރަށް ދިޔަ އެވެ.

މި ހާދިސާއަށް ފަހު 2014 ގައި މިޑް-ޑޭ އަށް އިންދަރު ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ އަންބަކާއި ދޮޅުއަހަރުގެ ދަރިއަކު އެބަހުރި ކަމަށާއި ނަމަވެސް އެމީހުން ބަލަހައްޓާނެ ފައިސާ އޭނާގެ އަތުގައި ނެތް ކަމަށް ބުންޏެވެ. އަދި އެއްވެސް މީހަކު މިހާރު މަސައްކަތެއް ވެސް ނުދޭ ކަމަށާއި މި ހުރިހާ ކަމެއް ދިމާވީ އޭނާގެ އިއްޒަތް ވެއްޔާ މޮޑެލަކުން މީހަކު ކުރި މަސައްކަތެއްގެ ސަބަބުން ކަމަށް ވެސް އިންދަރު ބުނެފައި ވެއެވެ.

އިންދަރު މިހާތަނަށް ދެ ކައިވެންޏެއް ކޮށް ފުރަތަމަ ކައިވެންޏަށް ދަރިއެއް ވެސް ލިބިފައިވެ އެވެ. އޭނާގެ ފުރަތަމަ އަނބިމީހާ އިންޑިއާގެ ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި ކައިވެންޏަށް ފަހު ވެސް އިންދަރު އަށް އީޝާގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. އެމީހުންގެ ކައިވެނި ރޫޅުނީ އެސަބަބާ ހެދި އެވެ. ފުރަތަމަ އަނބިމީހާ ވަރިވުމަށްފަހު އިންދަރު ދެ ވަނަ އަށް ކައިވެނިކުރީ ޕައްލަވީ ކިޔާ މީހަކާ އެވެ. މަރުވިއިރު ވެސް އިނދެގެން އުޅެނީ އޭނާ އާ އެވެ.

އީޝާ ވެސް ވަނީ ވަރަށް މަޝްހޫރު ވިޔަފާރިވެރިއަކާ ކައިވެނިކޮށް އާ ދިރިއުޅުމެއް ފަށާފަ އެވެ.

އިންދަރުގެ ގިނަ އެކުވެރިން ބުނަނީ އޭނާ މަރުވީ މާ ބޮޑަށް ސްޓްރެސް ވެގެން ގޮސް ކަމަށެވެ.