26 ޖޫން 2016 - 14:44

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އެއީ ބޮޑު ހަނގުރާމައެއް ކަމަށް އާ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެ އިން މަސްތުވާތަކެތީގެ ވަބާ ފޮހެލުމަށް މީގެ ހަތަރު އަހަރު ކުރިން އުފެއްދި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށެވެ.

"މިއީ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ހަނގުރާމައެއްގެ ވާހަކަ. އަދި ހަނގުރާމައިގެ ޝިކާރައަކަށް ވެފައި ތިބި ބައެއްގެ ވާހަކަ. އެ ހަނގުރާމަ އިން ސަލާމަތް ކުރުމަށްޓަކައި އެންޑީއޭ އިން އެ ކޮށްދެއްވާ ކަންތައް އަޅުގަނޑުމެން ފާހަގަކުރަން،" ނައިބު ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބައިވެރިވަޑައިގެންނެވި ފުރަތަމަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަކީ ހަމައެކަނި ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ހުރިހާ އެންމެންގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް. މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑްރަގް އޭޖެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި. އެންމެ ދެތިން ހަތަރު އަހަރަކުން ވާނެ ކަމެއް ނޫން އެއީކީ. އެކަން ފާހަގަކޮށް ޑްރަގް އޭޖެންސީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެންޑީއޭ ހިންގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވަނަ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު ވިދާޅުވީ އެންޑީއޭ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތްތައް މަދުވުމާއި ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން އެ ސެންޓަރުން މިހާރު ވެސް 500 އެއްހާ މީހުން ފަރުވާ ހޯދަމުން އަންނަ އިރު ހަމަ އެ އަދަދާ އެއްވަރަަށް، ފަރުވާ ހޯދަން ވެއިޓިން ލިސްޓުގައި ވެސް މީހުން ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ވަސީލަތްތައް މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެން މި އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މުވައްޒަފުންނަށް ތަފާތު ތަމްރީނުތައް އަންނަނީ އެކި ތަންތަނުގައި ދެމުން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އާ ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށާއި އެ ތަނުން 500 މީހުންނަށް ފަރުވާ ދެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވަނީ އެންޑީއޭ އަށް އެހީތެރިވަމުން އަންނަ ފަރާތްތަކަށް ހަނދާނީ ފިލައެއް ދީފަ އެވެ. އަދި މި އަހަރުގެ ޝިއާރު ވެސް ލޯންޗުކޮށްފައި ވެ އެވެ. ޝިއާރުގެ ގޮތުގައި މިފަހަރު ކަނޑައަޅާފައިވަނީ "ފަރުވާގެ ހަރުދަނާކަން - ކާމިޔާބީގެ އަސާސް" އެވެ.