ކްލައުޑް9 އަކުން ސުއިޕެއް ފެނިގެން ކެއުން މަނާކޮށްފި
ކްލައުޑް9 އަކުން ސުއިޕެއް ފެނިގެން ކެއުން މަނާކޮށްފި

"ޖެކް އެންޑް ޖިލްް" ބްރޭންޑުގެ "ކްލައުޑް9، އޯވަލޯޑު"ގެ ޗޮކްލެޓެއްގެ ތެރެއިން މަރުވެފައިވާ ސުއިޕެއް ފެނިގެން އެ ވައްތަރުގެ ޗޮކްލެޓް ކެއުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބެޗު ނަމްބަރު EXP 14.5.2018 BB ޗޮކުލެޓުގެ ޕެކެޓެއްގެ ތެރެއިން މަރުވެފައިވާ ސުއިޕެއް ފެނިފައިވާ ކަމަށެވެ. އެެހެންވެ އެ ބެޗުގެ ކްލައުޑް9 ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފަ އެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ބުނީ މަރުވެފައިވާ ސޫފި ފެނުނު ބެޗް ފިހާރަތަކުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެ އުފެއްދުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ތަފާތު ބެޗުތަކުން ސާމްޕަލް ނަގައި އިތުރަށް ޗެކުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފިހާރަތަކުގައި އެ ބެޗުގެ ޗޮކުލެޓު ހުރި ނަމަ ރަސްމީ ގަޑީގައި އެ އިދާރާ އަށް ގުޅައިގެން ރިޕޯޓުކުރަން ވެސް ވަނީ އަންގައިފަ އެވެ. އެމްއެފްޑީއޭގެ ނަމްބަރަކީ 3014304 އެވެ.