"ހަތަރު މެމްބަރުން ޖަލްސާއަށް ހާޒިރުކޮށްދޭން ވާނެ، ނޫނީ އިހުތިޖާޖް ކުރާނަން"
"ހަތަރު މެމްބަރުން ޖަލްސާއަށް ހާޒިރުކޮށްދޭން ވާނެ، ނޫނީ އިހުތިޖާޖް ކުރާނަން"

ޖަލުގައި ބަންދުކޮށްފައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށާއި އެ މެމްބަރުން ހާޒިރުކޮށް ނުދީފިނަމަ، މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރާނެ ކަމުގެ އިންޒާރު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ދީފި އެވެ.

"ހަތަރު މެމްބަރުން ޖަލްސާއަށް ހާޒިރުކޮށްދޭން ވާނެ، ނޫނީ އިހުތިޖާޖް ކުރާނަން"
"ހަތަރު މެމްބަރުން ޖަލްސާއަށް ހާޒިރުކޮށްދޭން ވާނެ، ނޫނީ އިހުތިޖާޖް ކުރާނަން"

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ މައި ހަރުގެ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ހަތަރު މެމްބަރަކު ޖަލުގައި ބަންދުކޮށްފައި ވަނީ ނުހައްގުން އަނިޔާވެރިކަމާ އެކުގައި ކަމަށެވެ.

ގާނޫނާއި މަޖިލީހުގެ ގަވާއިދަށް އަމަލުކުރާ ނަމަ، ހަތަރު މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ އަށް މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ފާހަގަކުރެއްވި އެއް މެމްބަރަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވައި މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ނުވާ ބަޔަކު މަޖިލީހަށް ވެންނެވި ކަމުގެ ތުހުމަތުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަން އިއުލާން ކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން ވެސް މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

"އެ މެމްބަރުންނަށް ލިބިގެންފައިވާ ހައްގެއް އެއީ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށްދިނުމުގެ ހައްގު. އެހެންވީމަ އެ ހައްގު ބޭނުން ހިފޭނެ ގޮތް މަޖިލީހުގެ އިދާރާއިންނާއި ނައިބު ރައީސް ފުރިހަމަކޮށް ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު މަޖިލީހަށް ހާޒިރުކޮށްދީފައިވެ އެވެ. އެކަމަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށުގެ ތުހުމަތުގައި ހައްޔަރުކުރިއިރު، މަޖިލީހަށް ހާޒިރުކޮށްދީފައި ނުވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އުންމީދު ކުރަނީ މާދަމާގެ ޖަލްސާ އަށް ފާރިސް އާއި ވަހީދު އާއި އަމީތު އާއި ސައުދު ހާޒިރުކޮށް ދެއްވާނެ ކަމަށް،" އަލީ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު، މިއަށް އަމަލު ކުރުން ލާޒިމްވާނެ، އެ ނޫން ގޮތަކަށް އަމަލު ކުރާނަމަ، މަޖިލީހުގެ ޖަލްސާ ކުރިއަށް އެ ގެންދެވެނީ މަޖިލީހުގެ ގަވާއިދާ މުޅީން ހިލާފަށް، ގަވާއިދާ ހިލާފަށް ނިންމާ ނިންމުންތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ."

މީގެ އިތުރުން ރިޔާސަތުގައި މަސީހް އިންނަވައިގެން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަސީހަކީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ މެމްބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.