ގަތަރަށް އިތުރު ފިޔަވަޅު އަޅަން މަޝްވަރާ ކުރަނީ
ގަތަރަށް އިތުރު ފިޔަވަޅު އަޅަން މަޝްވަރާ ކުރަނީ

މަނާމާ (ޖުލައި 29) - ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށް ހުށަހެޅި ޝަރުތުތައް ގަބޫލް ނުކުރުމާ އެކު އެ ގައުމާ ދެކޮޅަށް އިރުތު ފިޔަވަޅު އަޅަން މަޝްވަރާ ކުރަން ފަށައިފި އެވެ.

ސައުދީ އަރަބިއާ، ބަހުރޭން، ޔޫއޭއީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން މިއަދު ވަނީ ބަހުރޭނުގެ ވެރިރަށް މަނާމާގައި ބައްދަލުކޮށްފަ އެވެ. މި ހަތަރު ގައުމުން މިދިޔަ މަހު 5 ވަނަ ދުވަހު ގަތަރާ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ގަތަރަށް ކުރިމަތިކުރި 13 ޝަރުތަށް ދެކޮޅު ހެދުމުން ފަހުން ވަނީ މައިގަނޑު ހަ ކަމަކަށް އެއްބަސްވުމަށް ހުށަހަޅައިފަ އެވެ.

އަލް ހަޔާތު ނޫހުން ބުނީ ހަތަރު ގައުމުން މަޝްވަރާކޮށް އަޅާ އާ ފިޔަވަޅުތަކުގެ ސަބަބުން ގަތަރުގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށެވެ. ބަހުރޭނުގެ ރަސްމީ ނޫސް އެޖެންސީ ބީއެންއޭ އިން އިއްޔެ ބުނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ހަތަރު ގައުމުގެ އެއްބާރުލުމަށް ބަހުރޭނުގެ ރަސްގެފާން ހަމަދު އިން އީސާ އަލް ޚަލީފާ ތައުރީފް ކުރައްވާފައިވާ ކަމަށެވެ.

ގަތަރާ ގުޅުން ކަނޑާލުމަށް ފަހު ވަނީ އެ ގައުމަށް އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެހެންވެ ގަތަރަށް ވަނީ ތަކެތި އެތެރެކުރުމުގައި ދަތިތައް ކުރިމަތިވެފަ އެވެ. އިމްޕޯޓް މުދަލަށް ބަރޯސާވެފައިވާ ގަތަރަށް ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެތީ އީރާނައި ތުރުކީން ވަނީ ތަކެތި އެތެރެ ކުރަން ފަށައިފަ އެވެ.