ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

ގުޅިފައިވާ ފަސް ރަށެވެ. އެ ފަސް ރަށް ގުޅުވައިދޭ ޒަމާނީ ލިންކް ރޯޑާއި އޭގެ ތެރެއިން ދެ ރަށެއް ގުޅުވައިދޭ ހިތްގައިމު ކޯޒްވޭއެކެވެ. ޒަމާނީ އެއާޕޯޓަކާއި ފަހުގެ އިމާރާތްކެވެ. އިނގިރޭސިންގެ ޒަމާނުގެ ތާރީހީ ބިނާތަކާއި، އިހުގެ އިމާރާތްތަކެވެ. ހިތްގައިމު ގޮނޑޮދޮށްތަކާއި ގަސްބޯ ވަލެވެ. ރަށްފުށުގެ ދިރިއުޅުމާއި ގުދުރަތީ މަންޒަރުތަކެވެ. މިއީ އަންނަ ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫ ސިޓީގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ދުވުމުގެ ރޭހުގައި ބައިވެރިންނަށް ދުވަމުން އަންނައިރު ފެންނާނެ މަންޒަރުތަކެވެ. ދިގު ރާސްތާގެ ބުރަ ރޭހެއް ފުރިހަމަކުރަމުން އަންނައިރު މިފަދަ ހިތްގައިމު މަންޒަރުތަކެއް ވަށައިގެން ފެންނަ ނަމަ އެއީ ޔަގީނުން ވެސް ދުވުންތެރިއާ އަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ އެވެ.

ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

އައްޑު ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ރޭސް ބާއްވާއިރު މި ރޭސް، ޓީއެފްޖީން ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ ރޫޓާ މުޅިން ތަފާތު ވާނެ އެވެ. ރޭހުގައި ހިމެނޭ ފަސްކިލޯމީޓަރާއި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން އިވެންޓްތައް ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ނިންމި ނަމަވެސް ހަތަރު ރޭސް ވެސް ފަށާނީ ތަފާތު ހަތަރު ދިމާލަކުންނެވެ.

ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރުންނެވެ. އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.

ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

ލޯންގް ރަންގައި 3:20 ގައި މެރެތަން ފެށި ނަމަވެސް މި ފަހަރު ލަސްކުރީ ފަޅު ސަރަހައްދުތަކާ ދުވުންތެރިން އަރާހަމަކުރާއިރު އިރުގެ އަލި ހުންނާނެ ވަގުތަކާ ދިމާކުރުމުގެ ބޭނުމުގަ އެވެ. ބައެއް ސަރަހައްދުތަކަށް ރޭގަނޑު އެއްވެސް ގޮތަކަށް އަލިކަން ލިބޭނެ ގޮތެއް ނެތްއިރު، އަނދިރީގައި ދުވަން ޖެހުމަކީ ދުވުންތެރިންނަށް އެހާ ރައްކާތެރި ގޮތެއް ނޫނެވެ.

ހާފް މެރެތަން (21 ކިލޯމީޓަރު) ފެށުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 6:45 ގަ އެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.

ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގައި 10 ކިލޯމީޓަރު ޖަހާއިރު ހުޅުމާލެ ވަށައި ދެ ބުރު ޖަހަން ޖެހުނު ނަމަވެސް މި ފަހަރު ރޫޓް ކަނޑައަޅާފައިވާ ގޮތުން ޖަހަން ޖެހޭނީ އެ ސަރަހައްދުގައި އެންމެ ބުރެކެވެ. ހުޅުމާލޭގައި ހާފް މެރެތަން ޖަހާއިރު ހަތަރު ބުރު ޖަހަން ޖެހުނަސް މި ފަހަރު އޮންނާނީ އެއް ބުރުގެ ރޫޓެކެވެ. އަދި މެރެތަން ޖަހާއިރު އަށް ބުރު ޖަހަން ޖެހުނު ނަމަވެސް މި ފަހަރު ޖަހަން ޖެހޭނީ ރޫޓުގެ ގޮތުން ދެ ބުރެވެ. އެއް ތަނެއް ވަށައިގެން ގިނަ ބުރުތަކެއް ޖެހުމުގެ ބަދަލުގައި އެއް ބުރު ނުވަތަ ދެ ބުރު ޖަހައިގެން ރޭސް ނިންމޭ ރާސްތާއެއް އޮތުމަކީ ދުވުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

މި ރޭހުގައި ގަމާއި ފޭދޫ ގުޅޭ ހިސާބުން ފިޔަވައި ދުވުންތެރިން އެއް ހިސާބަކުން ބައްދަލުނުވާނެ އެވެ. މިއީ ސެކިއުރިޓީ ބަލަހައްޓާއިރު ފުލުހުންނަށް ލިބޭނެ ފަސޭހައެކެވެ. ރޭސް ޓައިމިންތައް ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު 9:30 އާ 10:00 އާ ދެމެދު ހުރިހާ ދުވުންތެރިން ކަހަލަ ގޮތަކަށް ކޮންވެންޝަން ސެންޓަރުން ބައްދަލުވާނެ އެވެ. މި ރޭހުގައި ކޮންމެ ދެ ކިލޯމީޓަރުން ފެނާއި ފުރަތަމަ އެހީ ލިބޭނެ ސްޓޭޝަންތަކެއް ގާއިމްކޮށްފައި ހުންނާނެ އެވެ.

ރޭހުގެ ކޮންސަލްޓަންޓް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ރޫޓް ކަނޑައެޅީ ދުވުންތެރިންނަށް އައްޑޫ ސިޓީގެ ރީތިކަމާއި ސަގާފަތާއި ތާރީހީ ތަންނަން ފެންނާނެ ގޮތަކަށް ބަލާފައި ކަމަށެވެ.

"ހަމައެކަނި ލިންކް ރޯޑުގައި ދުއްވަން ބޭނުމެއް ނުވި އަޅުގަނޑުމެން. އެންމެ އިހު ޒަމާނުގައި ފެންނަ ފަދަ ދެ ފަރާތުގައި ގަސް ހައްދާފައި ކުރިމަތިން ކުކުޅު އެއްޗެހި ހުރަސްކޮށްލާއި ދާ ފަދަ މަގުތައް ވެސް ހިމެނޭނެ. އެންމެ ކުރީގެ އިމާރާތްތަކާއި ޒަމާނީ ތަންތަނާއި ގުދުރަތީ މަންޒަރުތައް ވެސް ފެންނާނެ ދިމާތައް ރޫޓުގައި ހިމެނޭނެ،" މަރުޒޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ މި ސަރަހައްދުގައި ވެސް ރޭހަކުން ފެންނާނެ އެންމެ ރީތި ރޫޓަށް ވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ބައިނަލްއަގްވާމީ އެތުލެޓިކްސް ޖަމިއްޔާގެ ރުހުން މި ރޫޓަށް ހޯދާނެ ކަމަށެވެ.

"އޭރުން ދުނިޔޭގެ އެކި ހިސާބުތަކުން މި ރޫޓުގައި ދުވަން ދުވުންތެރިން އަންނާނެ،" ސ. ފޭދޫއަށް އުފަން މަރުޒޫގު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މިއީ ވަރަށް މުހިއްމު އަދި ބޭނުންތެރި އިވެންޓެއް ކަމަށާއި މި އިވެންޓް ޓީއެފްޖީން ރޭވީ އައްޑޫ އަށް އިވެންޓް ޓޫރިޒަމް ތައާރަފްކުރުމަށްޓަކައި 2022 ގެ ތަސައްވުރުގައި އެކަން ހިމެނިތަނާ ކަމަށެވެ.

"ތަސައްވުރު ލިޔެ އެ ޗާޕު ނުކުރެވެނީސް އޭގެ މަގުސަދު ހާސިލްވެއްޖެ. މި އިވެންޓާ އެކު އައްޑު އަށް އަންނަ ފަރާތްތަކަށް ތަފާތު މަންޒަރުތަކެއް ދެއްކޭނެ. އަޅުގަނޑުމެން ކައުންސިލާއި އައްޑޫ ރައްޔިތުން މިކަން ބަލައިގަނެ ވީހާ ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނަން. މީގެ ސަބަބުން އައްޑުތައް އިވެންޓް ޓޫރިޒަމް ތައާރަފްކުރަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ،" ސޯބެ ވިދާޅުވި އެވެ.

ޓީއެފްޖީގެ ޑިރެކްޓަރު ހުސެއިން ޒިނާން (ޒިންޓެ) ވިދާޅުވީ ޓާގެޓަކީ މަދުވެގެން 300 ދުވުންތެރިން ރޭހުގައި ބައިވެރިވުން ކަމަށާއި އަދި އޭގެ ދެބައިކުޅަ އެއްބައި ދުވުންތެރިންނަކީ މާލޭން ދާ ދުވުންތެރިންނަށް ހަދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ރާވަން ބައިވެރިންނަށް އައްޑު އަށް ފަސޭހައިން ދެވޭނެ އިންތިޒާމްތަކެއް. ހަމައެކަނި ދުވެލަން ދިއުމުގެ ބަދަލުގައި އައްޑޫ ރައްޔިތުންގެ ދިރިއުޅުން ތަޖުރިބާކޮށްލަން ދުވުންތެރިން ދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ. އެއީ ބައެއް ދުވުންތެރިން މިހާރު ވެސް އެބަ ބުނޭ ތިމަންނަމެން ގޮސް ތިބޭނީ ގެސްޓް ހައުސްތަކުގައި ނޫނޭ. ބޭނުންވަނީ ރަށްޓެހިންނާ އެކު ގޭގޭގައި ތިބޭށޭ. އޭގެ ސަބަބުން އައްޑޫ ރައްޔިތުންގެ ދިރިއުޅުން ތަޖުރިބާކުރެވިގެންދާނެ،" ޒިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިވެންޓާ ގުޅުވައިގެން އައްޑޫގައި ކަސްރަތަށް އަހުލުވެރިކޮށް ހޭލުންތެރިންކުރުވަން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި އަދި މި އިވެންޓުގެ ތެރެއިން އައްޑޫގައި 10 އަހަރުން ދަށުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންނަށް ދުވުމުގެ ހަރަކާތެއް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން އިވެންޓުގެ އިންތިޒާމުގައި ވޮލަންޓިއަރުންގެ ގޮތުގައި އައްޑޫގެ ޒުވާނުން ބައިވެރިކުރަން ވެސް ޓީއެފްޖީން ވަނީ ނިންމައިފަ އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދެ ދުވަހެއްގެ ތެރޭ ގޯޓުރޭސް ޑޮޓްކޮމްގައި ހުޅުވާލާނެ އެވެ. ރޭހުގެ އެކްސްޕޯ އޮންނާނީ ސެޕްޓެމްބަރު 15 ގައި އައްޑޫ ސިޓީ ކައުންސިލުގަ އެވެ. މިއީ ދުވުންތެރިންނަށް ކިޓްތައް ދޫކުރަން ބާއްވާ ހަރަކާތެކެވެ. މި ކިޓުގައި ހިމެނޭނީ ރޭސް ޓީޝާޓާއި ޓައިމިން ޗިޕް ހަރުކޮށްފައިވާ ބިބާއި އެހެނިހެން މުހިއްމު ތަކެއްޗެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.