31 ޖުލައި 2017 - 06:23

"މުހައްބަތޭން" އިން ފެށިގެން "ދޭވްދާސް" އާ ހަމައަށް ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީ ވަނީ އެ މީހުންގެ ކެމިސްޓްރީން ޖާދޫ ދައްކާފަ އެވެ. އެ ދުވަސްވަރު އެ ދެ ތަރިންނަކީ އެންމެ ޑިމާންޑް ބޮޑު ޖޯޑަށް ވި އެވެ. އަދި ވިދިވިދިގެން ފަސް ފިލްމެއް ކުޅެން އެ މީހުން އޭރު ސޮއި ވެސް ކުރި އެވެ. ނަމަވެސް ޝާހްރުކާއި އައިޝްވަރިޔާގެ ގުޅުން ގޯސްވެ ފަސް ފިލްމުން ވެސް އައިޝްވަރިޔާ ވަނީ ވަކިކޮށްފަ އެވެ.
ކުރިން ވަރަށް ގާތް އެކުވެރިކަމެއް އޮތް މި ދެ ތަރިންގެ މައްސަލައަކަށް ވީ ސަލްމާން ޚާނާއި އައިޝްވަރިޔާގެ ލޯބީގެ ގުޅުމެވެ. ސަލްމާނާއި އައިޝްވަރިޔާއާ މައްސަލަ ޖެހިގެން އުޅުނު ދުވަސްވަރު އައިޝްވަރިޔާ މަސައްކަތް ކުރަމުން ދިޔައީ ޝާހްރުކް ޕްރޮޑިއުސްކޮށް އޭނާ ބަތަލުގެ ބައި ކުޅޭ "ޗަލްތޭ ޗަލްތޭ" ގަ އެވެ.
މީޑިއާގައި އެ ދުވަސްވަރު ބުނީ "ޗަލްތޭ ޗަލްތޭ"ގެ ސެޓަށް އައިޝްވަރިޔާ ހޯދަން ސަލްމާން ގޮސް އެތަނުގައި ހުރި ބައެއް އެއްޗެއްސަށް ގެއްލުންދީ އަޑުގަދަކޮށް ހަޅޭއްލަވައި ހެދުމުން އައިޝްވަރިޔާ ދެކެ ޝާހްރުކް ރުޅި އައީ ކަމަށެވެ. އަދި އޭނާ ފިލްމުން ވަކިކޮށް އޭނާ ކުޅުނު ބައިތައް ވެސް ފޮހެލައި ރާނީ މުކަރުޖީ ބައިވެރިކޮށްގެން އަލުން ޝޫޓިން ފެށީ އެވެ. އެއާއެކު ޝާހްރުކާ އެކު ކުޅެން ސޮއިކޮށްފައި ހުރި ހުރިހާ ފިލްމެއްގެ ޕްރޮޑިއުސަރުންނަށް ގުޅައިގެން ޝާހްރުކް ވަނީ އޭނާ އެ ހުރިހާ ފިލްމަކުން ވަކިކޮށްފަ އެވެ. މީގެ ތެރޭގައި "ވީރް-ޒާރާ" ވެސް ހިމެނެ އެވެ.
ކުރީގެ އިންޓަވިއުއެއްގައ އައިޝްވަރިޔާ ބުނި ގޮތުގައި އެ ހުރިހާ ފިލްމެއް އޭނާއަތުން އަތުލަން ޖެހުނު ސަބަބެއް އޭނާއަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ޝާހްރުކް ފަހުން ވަނީ އެ ގޮތަށް ކަންތައް ކުރެވުނީތީ އައިޝްވަރިޔާގެ ކިބައިން މާފަށް އެދިފަ އެވެ.
"މީހަކާ އެކު ޕްރޮޖެކްޓެއް ފަށާފައި އޭނާގެ އެއްވެސް ކުށެއް ނެެތި އޭނާ އެ ޕްރޮޖެކްޓަކުން ވަކިކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އައިޝްވަރިޔާ އަކީ ގާތް ރައްޓެއްސަކަށް ވާތީ އެކަމާ ވަރަށް ދެރަވި. އަސްލު އަހަރެން އެކަމާ ވަރަށް ދެރަވި. ނަމަވެސް ޕްރޮޑިއުސަރުގެ ހައިސިއްޔަތުން އަހަރެން އެ ދުވަހު ނިންމީ ރަނގަޅު ނިންމުމެއް ކަމަށް އަހަރެން ގަބޫލުކުރަން. ނަަމަވެސް އައިޝްވަރިޔާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތަށް އަހަރެން މައާފަށް އެދެން،" ޝާހްރުކްގެ ބުނެފައިވެ އެވެ.
އައިޝްވަރިޔާގެ އެންމެ ބޮޑު ޝަކުވާ އަކީ ޝާހްރުކް މި ނިންމުން ނިންމަން ޖެހުނު ސަބަބެއް ނުބުނުމެވެ.
މި މައްސަލަ ޖެހިގެން ވަރަށް ގިނަ ދުވަސްވަންދެން އައިޝްވަރިޔާ އާއި ޝާހްރުކް ވާހަކަ ނުދައްކާ ވެސް ތިއްބެވެ. ސުލްހަވީ އައިޝްވަރިޔާ އާއި އަބީޝެކް ބައްޗަން ކައިވެނި ކުރި ފަހުން އަބީޝެކް މެދުވެރިވެގެންނެވެ. އަދި ދެ މީހުން އެކުގައި ފިލްމެއްގެ މަސައްކަތް ނުކުރާތާ 10 ވަރަކަށް އަހަރު ފަހުން ފުރަތަމަ ފަހަރަށް އައިޝްވަރިޔާ އާއި ޝާހްރުކް ވަނީ "އޭ ދިލް ހެ މުޝްކިލް" އިން އެކުގައި ފެނިފަ އެވެ. ފިލްމުގައި ޝާހްރުކް ކުޅުނީ އައިޝްވަރިޔާގެ ކުރީގެ ފިރިމީހާގެ ރޯލެވެ.