އޮސްޓްރޭލިއާގައި މަތިންދާ ބޯޓެއް ގޮއްވާލަން އުޅުނު ބަޔަކު އަތުލައިގެންފި
އޮސްޓްރޭލިއާގައި މަތިންދާ ބޯޓެއް ގޮއްވާލަން އުޅުނު ބަޔަކު އަތުލައިގެންފި

ސިޑްނީ (ޖުލައި 30) - އޮސްޓްރޭލިއާގައި މަތިންދާ ބޯޓެއް ގޮއްވާލަން އުޅުނު ބަޔަކު ހުއްޓުވާ އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބޮޑު ވަޒީރު މެލްކޮމް ޓާންބުލް ވިދާޅުވެއްޖެ އެވެ.

ސިޑްނީން ހަތަރު މީހުން ހައްޔަރު ކުރުމަށް ފަހު އެ މީހުންގެ އަތުން ފުލުހުން ވަނީ އައިއީޑީއެއް ހަދަން ބޭނުން ކުރާ ސާމާނު ހޯދައިފަ އެވެ.

ބޮޑު ވަޒީރު ވިދާޅުވީ ޖޮއިންޓް ކައުންޓަ-ޓެރަރިޒަމް އޮޕަރޭޝަނަށް ފަހު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ސިޑްނީ އެއާޕޯޓުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޮސްޓްރޭލިއާގެ އެއާޕޯޓްތަކުން ފުރާ މީހުން ފުރާގަޑިއަށް ވުރެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެއީ ސެކިއުރިޓީ އިތުރު ޗެކް ކުރުމަށެވެ.

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ކޮމިޝަނާ އެންޑްރޫ ކޮލްވިން ވިދާޅުވީ ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް އިސްލާމީ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ބައެއް ކަމަށެވެ.

"ސިޑްނީގައި ކޮންމެވެސް ބަޔަކު އައިއީޑީއެއް ބޭނުންކޮށްގެން ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ކުރިން ވަނީ ލިބިފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮލްވިން ވިދާޅުވި އެވެ.