ޖަރުމަނުން ދަސްކުރަންވީ ފުރުސަތުތަކުގެ ބޭނުން ހިފަން: ލޯ
ޖަރުމަނުން ދަސްކުރަންވީ ފުރުސަތުތަކުގެ ބޭނުން ހިފަން: ލޯ

މާސޭ، ފްރާންސް (ޖޫން 26) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނަށް ދިމާވެފައިވަނީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށާއި ދަސްކުރަންވީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ކަމަށް އެ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ޖަރުމަނުން މިރޭ ނުކުންނާނީ ސްލޮވާކިއާއާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ލޯ ބުނީ އޭނާގެ ޓީމުގެ ފަރާތުން އެންމެ ހިތްހަމަ ޖެހޭ ފެންވަރުގެ ކުޅުމެއް އަދި ނުފެންނަ ކަމަށެވެ.

"ގްރޫޕް އެއް ވަނަ ދިޔަ ނަމަވެސް އަހަރެން އެންމެ ހިތްހަމަ އެއް ނުޖެހޭ. ނޯދަން އަޔަލެންޑް މެޗުގައި ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައި. މިއީ ތަކުރާރު ވާން ޖެހޭނެ ފަދަ ކަމެއް ނޫން. މޮޅަށް ކުޅުނު ނަމަވެސް ލިބޭ ފުރުސަތުތައް ބޭކާރުވަންޏާ އޭގެ ގެއްލުން ޓީމަށް އެބައޮތް،" ލޯ ބުންޏެވެ.

ލޯ ބުނީ ސްލޮވާކިއާ އަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް ކަމަށެވެ.

ސްލޮވާކިއާއާ ދެކޮޅަށް ޖަރުމަން އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ޖަރުމަނު ވަނީ މޮޅުވެފަ އެވެ. ނަަމަވެސް މި ފަހަރުގެ ޔޫރޯ އަށް ފަރިތަކުރުމަށް މިދިޔަ މަހު ކުޅުނު މެޗުން ސްލޮވާކިއާ ވަނީ 3-1 އިން ޖަރުމަނު ބަލިކޮށްފަ އެވެ.

ސްލޮވާކިއާގެ ކޯޗު ޔަން ކޮޒަކް ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެންމެ ބޮޑަށް ސަމާލުކަން ދޭނީ ޑިފެންސަށް ކަމަށެވެ.

"މިއީ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު ސްޓައިލްގެ މެޗެއް. ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުވާން ޖެހޭނެ. އެއީ ޖަރުމަނުގެ އެޓޭކަކީ ހުނަރަށް ބަލާއިރު ދެ ވަނަ އަށް ނެތް ފަދަ މޮޅު ޓީމެއް." ކޮޒަކް ބުންޏެވެ.

ސްލޮވާކިއާ އާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.