30 ޖުލައި 2017 - 12:20

ބްރިޖާ އެކު ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށައި، ބްރިޖާއެކު އެ މަގު ބޭނުންކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
ހުޅުމާލެއިން ހުޅުލޭގެ ބްރިޖް ނިމޭ ހިސާބަށް ހަދާ ހަތަރު ކިލޯމީޓަރުގެ މަގު ޑިޒައިންކޮށް ތަރައްގީކުރަން 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންއާ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ސާވޭކޮށް އީއައިއޭ ހަދާ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަގުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ. އަދި ބްރިޖް ނިމެންވާއިރަށް އެ މަގު ވެސް އޮންނާނީ ނިމިފައި،" ސައިމަން ވިދާޅުވި އެވެ.
ހަތަރު ލޭން ހިމެނޭ ގޮތަށް ބްރިޖާ އެއް ފުޅާމިނެއްގައި ހަދާ އެ މަގުގެ މަސައްކަތް ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން ނިންމަން ޖެހެ އެވެ.
އެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުލޭގެ ފަޅުން ބައެއް ހިއްކަން ޖެހެ އެވެ. އަދި ހިއްކާ ސަރަހައްދުގެ ބައެއް ޝީޓްޕައިލް ކުރުމާއި ތޮށިލުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން މަގުގައި ފެން ހޮޅި އެޅުމާއި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެ އެވެ.
އެޗްޑީސީން މިދިޔަ ފެބްރުއަރީ މަހު ނެރުނު އިއުލާންގައިވާ ގޮތުން އެ މަޝްރޫއު ކުރިޔަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. އެހެންކަމުން ސަރުކާރުން ފަހުން އަގު އަދާކުރާ ގޮތަށް އެ މަގަށް 24 މިލިއަން ޑޮލަރު ހޭދަކުރާނީ ހުނާން އިންޖިނިއަރިންގެ ފަރާތުންނެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އާ ހައިވޭ ހަދާ އިރު، އެ މަގު ފުޅާކުރަން ބިން ހިއްކަައި އެ ސަރަހައްދުގައި އަލުން ތޮށިލާން ވަނީ ނިންމައިފަ އެވެ.