31 ޖުލައި 2017 - 06:28

އެޕަލް އަށް ބަޔަކު ކިތަންމެ ބިރެއް ދެއްދި ނަމަވެސް، ކަަސްޓަމަރުން ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ. އައިފޯނެއް ހުޅުވަން އެފްބީއައި އިން ކުރި އަމުރަށް ވެސް އެޕަލް ކިޔަމަންނުވީ ކަސްޓަމަރުންގެ ހައްގުގަ އެެވެ. އެހެން ނަމަވެސް، މި ހަރުދަނާކަމުގައި އެޕަލް އަށް ދެމިއޮވެވޭނީ ކިހާ ދުވަހަކުބާ އެވެ؟
ޗައިނާ އެޕް ސްޓޯރުން "ވީޕީއެން" އެޕްތައް ނަގާނެކަން، އެ އެޕްލިކޭޝަންތައް ހިންގާ ކުންފުނިތަކަށް އެޕަލް އިން އަންގައިފި އެވެ. އެ ގައުމުގެ ސަރުކާރުން އެޕަލް އަށް ކުރާ ޕްރެޝަރުގައި، އެޕް ސްޓޯރުން ވީޕީއެން އެޕްތައް ނެގުން ނޫން ގޮތެއް ނެތީ އެވެ. އިންޓަނެޓް ސެންސަރުކުރުމަށް ޗައިނާ ސަރުކާރުން ކުރާ މަސައްކަތްތައް އެޕަލް އެޕް ސްޓޯރަށް ވެސް ފޯރީ އެވެ.
ވަޓްސްއެޕް ބޭނުންކުރުމަކީ ޗައިނާގައި އުނދަގޫކަމެކެވެ. އިޖުތިމާއީ މައިދާންތަކުގައި ސައްލާކޮށް، މުއާމަލާތްކުރުމަށް ހުރި ގިނަ އެޕްލިކޭޝަންތަކަކަށް، ސެންސަރު ބޯޑުން ވަނީ ވަދެފަ އެވެ. އިންޓަނެޓް ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ އެ އެޕްލިކޭޝަންތައް ބްލޮކްކޮށްފަ އެވެ.
ވައިބާ، ޓެލެގްރާމް އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރަން އެދޭ ނަމަ، "ވީޕީއެން" އެޕްލިކޭޝަނެއް ބޭނުންކުރަން ޖެހެ އެވެ. އެއީ އާންމު ނެޓްވޯކް ތެރެއިން އެހެން ނެޓްވޯކެއް ގާއިމުކުރުމަށެވެ. އެ ގޮތުގައި ވީޕީއެން އެޕްލިކޭޝަން ބޭނުންކޮށްގެން ވަންނަ ނެޓްވޯކް ތެރޭގައި ހިނގާ އެއްވެސް ކަމެއް، އިންޓަނެޓް ސެންސަރުކުރާ މީހުންނަކަށް ނޭނގެ އެވެ. އިންޓަނެޓް ސެންސަރުކުރާ މީހުންނަށް ދެން ކުރެވެން އޮންނަ ކަމަކީ، އާންމުކޮށް ބޭނުންކުރެވެން ހުރި ހުރިހާ ވީޕީއެން އެޕްތައް ފޮހެލުމެވެ. އެޕަލް އިން އެ ކުރަނީ މި ބުނި މަސައްކަތްކެވެ.
ޗައިނާ އެޕް ސްޓޯރުން ވީޕީއެން އެޕްތައް ނެގި ނަމަވެސް، އެހެން ގައުމެއްގައި ރެޖިސްޓްރީކޮށްފައި އޮންނަ އެޕަލް އެކައުންޓަކުން، އެ ގައުމެއްގެ އެޕް ސްޓޯރަށް ވަދެ ވީޕީއެން އެޕްތައް ފޯނަށް އެޅެ އެވެ. މިއީ އިންޓަނެޓް ސެންސަރުކުރާ މީހުންނަށް ބްލޮކްކުރެވެން ނެތް ހިސާބެކެވެ.