30 ޖުލައި 2017 - 11:11

ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިސް އޮފިސަރުންނާ ކުއްލި ގޮތަކަށް މިއަދު ބައްދަލުކުރައްވައިފި އެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ރައީސް ޔާމީން ވަޑައިގެން ފުލުހުންގެ އިސްވެރިންނާ އެކު ގަޑިއެއްހާއިރަށް ބޭއްވެވި މި ބައްދަލުވުމާ ގުޅޭ ތަފުސީލެއް އަދިއެއް ނުލިބެ އެވެ. ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
ރައީސް ޔާމީން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވާތީ، އެކަން ކަވަރު ކުރުމަށް ފުލުހުންގެ އިދާރާ ކައިރި އަށް ދިޔަ ނޫސްވެރިން ވެސް ވަނީ ވަކި ހިސާބަކުން ޖުމްހޫރީ މައިދާން ސަރަހައްދުން ބޭރުކޮށް އެމްއެމްއޭއާ ހިސާބަށް ދުރަށް ޖައްސައިފަ އެވެ. އެހެންވެ ބައްދަލުވުމަށް ފަހު، ރައީސް ޔާމީން ނުކުމެވަޑައިގެންނެވި ތަނުގެ ފޮޓޯއެއް އަދި އިންޓަވިއުއެއް ވެސް ނޫސްވެރިންނަށް ލިބޭ ގޮތެއް ނުވި އެވެ.
ރައީސް ޔާމީން މިގޮތަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން ފުލުހުންގެ އިސްވެރިންނާ އެންމެ ފަހުން ބައްދަލުކުރެއްވީ އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ރަސްމީ ލޯންޗުކޮޅުގައި ބޮން ގޮއްވި ދުވަސްކޮޅު މަސްރަހު ހޫނުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތައް ރޫޅާލުމުގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ. ފުލުހުން ގާނޫނީ އިމުގެ ބޭރުން އަމަލުކުރާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރާއިރު، ދާދި ފަހުން ނޫސްވެރިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ ދެ ފުލުހެއްގެ މައްސަލަ ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް އެމްޑީޕީން ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތުމުން، އެ ބޭފުޅުން އެތަނުން ނެރުމަށް އެސްއޯ ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަތް މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.