ބޮމެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެކަކަށް ދައުވާކޮށްފި
ބޮމެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެކަކަށް ދައުވާކޮށްފި

މިދިޔަ އޭޕްރީލް މަހު މާލޭގައި ބޮމެއް ގޮއްވާލަން އުޅެނިކޮށް އަތުލައިގަތް އެކަކުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ބޮންތަކެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި ބައެއް ތަނެއް ފާސްކޮށް، ތިން މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަން ވަނީ އެނގިފަ އެވެ.

އެ މައްސަލާގައި ދައުވާކުރަނީ ހއ. ހޯރަފުށީ ވިދުވަރުގޭ ނާސިއު މުހައްމަދުގެ މައްޗަށެވެ. އެކަމަކު އޭނާގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަމެއް ސާފެއް ނުވެ އެވެ.

ނާސިއު ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ ބަންދާ މެދު ގޮތެއް ނިންމަން އެދެން ޖެހޭނީ އެ މައްސަލަ ހުށަހެޅި ކޯޓެއްގައި ކަމަށެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ނޮވެމްބަރު، 2015 ގައި މުލީއާގޭގެ ކައިރީގައި ގޮއްވާލަން އުޅުނު ބޮމެއް ވެސް ހޯދައި، ބަޔަކު ހައްޔަރުކުރި އެވެ. އެ ބޮން ބޭއްވުމުގައި ބައިވެރިވި ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، ބޮޑު ހުކުމެއް ވަނީ އައިސްފަ އެވެ. އޭގެ ތެރެއިން އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް އައިއިރު ދެން ތިބި ތިން މީހުންނަށް 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.