ސައުދީން ދަނީ ހައްޖު ވެސް ސިޔާސީ ކަމަކަށް ހަދަމުން: ގަތަރު
ސައުދީން ދަނީ ހައްޖު ވެސް ސިޔާސީ ކަމަކަށް ހަދަމުން: ގަތަރު

ދޯހާ (ޖުލައި 30) - ހައްޖުގެ އަޅުކަން ވެސް ސައުދީން ގެންދަނީ ސިޔާސީ ކަމަކަށް ހަދަމުން ކަމަށް ގަތަރުން ތުހުމަތުކޮށްފި އެވެ.

ގަތަރުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރުސީ) އިން ބުނީ ހައްޖުގެ އަޅުކަމަށް މައްކާ އަށް ދާ ގަތަރު މީހުންނަށް ސައުދީން ތަފާތު އުނދަގޫތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި ގަތަރުން ހައްޖަށްދާ މީހުންނަށް ސައުދީ އަށް އެތެރެވެވޭނީ ދެ އެއާޕޯޓަކުން ކަމަށާއި ގަތަރު މީހުން ސައުދީ އަށް ދަތުރު ކުރަން ޖެހޭނީ ދޯހާ މަގުން ކަމަށް އަންގާފައިވާ ކަމަށެވެ. އެންއެޗްއާރުސީ އިން ބުނީ މިއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ގަތަރުގެ އެތައް ހާސް ބަޔަކު އެހެން ގައުމުތަކުގައި ވެސް ދިރިއުޅޭ ކަމަށާއި އެ މީހުން ގަތަރަށް ގޮސް އަނެއްކާ މައްކާ އަށް ދިއުންވާނީ ދަތިކަމަކަށެވެ.

އެންއެޗްއާރުސީ އިން ބުނީ ގަތަރުން ހައްޖަށްދާ މީހުންނަށް ސައުދީން ކުރިމަތިކުރާ ހުރަސްތަކުގެ ޝަކުވާ ދީނީ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދަށް ހުށަހަޅާފައިވާ ކަމަށެވެ. ގަތަރުން ބުނީ ހައްޖުވެރިންނަށް ދަތިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަޅުކަން ކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.

ގަތަރުގެ ހައްޖުވެރިންނަށް ހުރަސްތައް ކުރިމަތިކުރަނީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.

އެންއެޗްއާރުސީ އިން ބުނީ ހައްޖުގެ މަތިވެރި އަޅުކަން ބޭނުންކޮށްގެން ސިޔާސީ ފައިދާ ނެގުމަށް ސައުދީން މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ.

ގަތަރު މީހުންނަށް ސައުދީން ކުރިމަތިކުރާ އުނދަގޫތަކުގެ ޝަކުވާ ސިވިލް ލިބަޓީ ގްރޫޕަކުން ވަނީ ޔުނެސްކޯ އަށް ވެސް ހުށަހަޅައިފަ އެވެ. ރޯދަ މަހު އުމްރާ އަށް ދިޔަ ގަތަރު މީހުން ސައުދީ ހޮޓާތަކުން ނެރެ ޗާޓަރު ފްލައިޓްތަކުގައި އެ މީހުން ގައުމަށް ފޮނުވާލަން މަޖްބޫރުކުރި ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެ އެވެ. ދޯހާގައި ނެރޭ އަލް ޝަރުގު ނޫހުން ރޯދަ މަހު ބުނެފައި ވަނީ ހަރަމްފުޅަށް ގަތަރު މީހުން ވަނުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހުރަސްއަޅާފައިވާ ކަމަށެވެ.