30 ޖުލައި 2017 - 09:46

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) – ސްޕެއިނުން ބޭރުގައި ކުޅުނު ދެ ވަނަ އެލް-ކްލެސިކޯ މެޗުގައި މިއަދު އެމެރިކާގައި ރެއާލް މެޑްރިޑް އަތުން 3-2 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ޕްރީ ސީޒަން މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު ބާސެލޯނާ އަށް ވަނީ މުބާރާތުގެ ޔުނައިޓެޑް ސްޓޭޓްސް އެޑިޝަނުގެ ޗެމްޕިއަންކަން ލިބިފަ އެވެ.
އެމެރިކާ އެޑިޝަނުގައި ވާދަކުރީ މި ދެ ޓީމުގެ އިތުރުން އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އާއި އިޓަލީގެ ޔުވެންޓަސް އާއި ރޯމާ އަދި ފްރާންސުގެ ޕީއެސްޖީ އެވެ.
ބާސެލޯނާ ޗެމްޕިއަންކަން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ތިން މެޗުން ވެސް ބަލިވެ މެޑްރިޑް ދިޔައީ ފުލަށެވެ.
ފްލޮރިޑާގެ ހާޑްރޮކް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ލިއޮނަލް މެސީ ވަނީ ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. އަދި ހަތް ވަނަ މިނެޓުގައި އިވާން ރަކިޓިޗް ވަނީ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް މެޑްރިޑުން ވަނީ މަޓެއޯ ކޮވަސިޗާއި މާކޯ އަސެންސިއޯގެ ލަނޑުތަކުން އެއްވަރުކޮށްފަ އެވެ. ބާސެލޯނާ މޮޅުކޮށްދިނީ 50 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ އެވެ.
މި މެޗުގައި މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި އެހެން ހުރިހާ ތަރިން ދެ ޓީމުން ވެސް ފެނުނެވެ. މުބާރާތުގެ މެޗުތަކުގައި ކޮންމެ ޓީމަކުން ވެސް މަޝްހޫރު ތަރިން ބޭނުންކުރަން ޖެހެ އެވެ. އަދި ރޮނާލްޑޯ މި މެޗަށް ގެނައުމަށް މުބާރާތް އިންތިޒާމްކުރި ފަރާތުން ޖެޓެއް ވެސް ހަމަޖައްސައިދިނެވެ. އެކަމަކު އަމިއްލަ ކަމަކާ ގުޅިގެން އޭނާ އަށް އާދެވޭ ގޮތެއް ނުވި އެވެ.
މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ފުޓްބޯޅަ މެޗު ކަމަށްވާ "އެލް-ކްލެސިކޯ" ކުރިމަތިލުމެއް ސްޕެއިނުން ބޭރުގައި ކުޅުނު ދެ ވަނަ ފަހަރެވެ. ފުރަތަމަ މެޗު ކުޅުނީ 1982 ވަނަ އަހަރު ވެލެޒުއޭނާގަ އެވެ.
މުބާރާތުގެ ސިންގަޕޫރު ފަޅީގެ ޗެމްޕިއަންކަން ހޯދީ އިންޓަ މިލާނެވެ. އެ ޓީމު ވަނީ ބަޔާން މިއުނިކް އަތުން 2-0 އިން އަދި އިއްޔެ ޗެލްސީ އަތުން 2-1 އިން މޮޅުވެފަ އެވެ.