31 ޖުލައި 2017 - 06:24

ހޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑެއްގެ ގޮތުގައި ބެލެވުނު، ބްރެޑް ޕިޓާއި އެންޖެލީނާ ޖޮލީ މިހާރު ވަނީ ވަކިވެފަ އެވެ. ޖޮލީ ވަނީ ބްރެޑް ޕިޓް ކައިރިން ވަރިވުމަށް ފަހު އޭނާ ހޭދަކުރި އުނދަގޫ ދުވަސްތައް އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޑް ޕިޓް ކައިރިން ވަރިވާން އެންޖެލީނާ ނިންމުމުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެކުގައި ހޭދަކުރި މުއްދަތުގައި އެ މީހުންނަށް ހަ ދަރިން ވަނީ ލިބިފަ އެވެ. މީގެ ތެރެއިން ބައެއް ދަރިންނަކީ އެޑޮޕްޓް ކޮށްފައިވާ ކުދިން ނަމަވެސް އަނެއް ބައި ކުދިންނަކީ އެމީހުންގެ އުފަން ދަރިންނެވެ.
އެންޖެލީނާ ބުނި ގޮތުގައި ވަރިވުމާ ގުޅިގެން ދިމާވި ކަންތައްތަކުގެ ސަބަބުން ލޭ މައްޗަށް ދިއުމުގެ މައްސަލަ އާއި ބެލްޕް ޕަލްސީ ކިޔާ ބައްޔެއް ޖެހުނެވެ.
ވެރައިޓީ ފެއާ މަޖައްލާގެ ސެޕްޓެމްބަރު މަހުގެ އަދަދަށް އެންޖެލީނާ ދީފައިވާ އިންޓަވިއުގައި އޭނާ ބުނި ގޮތުގައި ހަ ދަރިން ގޮވައިގެން، ފާއިތުވީ ދުވަސްތަކުގައި އޭނާ ހޭދަކުރީ މުޅި ހަޔާތުގައި ވެސް އައި އެންމެ އުނދަގޫ ދުވަސްތަކެވެ.
ބޮލުގައި މާ ގިނައިން ނުރަ ޖަހައި ހަންގަނޑު ވެސް ކުރަކިވާކަން މިހާރަކަށް އައިސް ވަރަށް ފާހަގަކުރެވޭ ކަމަށް އެންޖެލީނާ ބުންޏެވެ. އެއީ އިއްދައިން ކެނޑުމުގެ ނިޝާންތަކެއް ކަމެއް ނުވަތަ ފާއިތުވީ އަހަރެއްހާ ދުވަހު އުޅެން ޖެހުނު ގޮތެއް ކަމަށް އޭނާއަކަށް ބުނާކަށް ނޭނގެ އެވެ.
ނަމަވެސް މިހާރު މާ ބޮޑަށް އަންހެނެއް ކަމުގެ އިހްސާސް ކުރެވޭ ކަމަށާއި އެއީ އޭނާގެ ނިންމުންތައް ވަރަށް ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާއި ހުރިހާ ކަމަކަށް ވުރެ އާއިލާއަށް އިސްކުރުމުން ކަމަށް ބުންޏެވެ.
"މިހާރު އަހަރެންގެ ދިރިއުޅުމާއި ސިއްހަތުގެ ވެސް އިސް މީހަކީ އަހަރެން. އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކު ފުރިހަމަ މީހަކަށް ވާނީ އެގޮތަށް،" އެންޖެލީނާ ބުންޏެވެ.
ހިތްދަތިކަމަށް ފަހު ދިރިއުޅުން ބަދަލުކޮށްލެވޭތޯ ކުރާ މަސައްކަތުގައި އެންޖެލީނާ ވަނީ ލޮސް އެންޖަލިސް އިން 25 މިލިއަން ޑޮލަރަށް ބޮޑު ގެއެއް ގަނެފަ އެވެ. މިތަނުގައި ރީތި ބަގީޗާއެއް އޮވެ އެވެ.
އެންޖެލީނާ ބުނީ އޭނާއަށް ލިބިފައިވަނީ ވަރަށް ރަނގަޅު ދަރިންތަކެއް ކަމަށާއި އެކުދިންނާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. އެ މީހުންގެ ދިރިއުޅުމުގައި އެއްވެސް ނެގެޓިވް ކަމެއް ނެތް ކަމަށާއި ދަރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވާ ކަމަށް އެންޖެލީނާ ބުންޏެވެ.
މި އިންޓަވިއުގައި، ބްރެޑް ޕިޓް ކައިރިން އޭނާ ވަރިވި ސަބަބާ ބެހޭ ގޮތުން މާ ތަފްސީލު ވާހަކަތަކެއް ނުދައްކަ އެވެ. ނަމަވެސް ވަރިއާ ހަމަޔަށް ދިޔައީ ކަންކަން ގޯސް ވެގެންނޭ ބުނުމުގެ ބަދަލުގައި އޭނާ ބުނީ ކަންކަން ކުރަން "އުނދަގޫ"ވީ ކަމަށެވެ.
ބްރެޑް އާއި އޭނާގެ މިހާރުގެ ގުޅުމާ ބެހޭ ގޮތުން އެންޖެލީނާ ބުނީ އެ ދެ މީހުން ވެސް އެކަކު އަނެކަކަށް އަޅާލާ ކަމަށާއި ދަރިންނަށް ވެސް އަޅާލަން ބޭނުންވާ ކަމަށެވެ.