ކޯޕަރޭޝަނުގެ ހައްޖުވެރިން އުފުލާނީ ސައުދީ އެއާލައިނުން
ކޯޕަރޭޝަނުގެ ހައްޖުވެރިން އުފުލާނީ ސައުދީ އެއާލައިނުން

ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީން ޖިއްދާ އަށް ގެންގޮސްދިނުމަށް އެ ކޯޕަރޭޝަނުން ސަައުދީ އެއާލައިނާ ހަވާލު ކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ކޯޕަރޭޝަނުގެ ހައްޖުވެރިން އުފުލާނީ ސައުދީ އެއާލައިނުން
ކޯޕަރޭޝަނުގެ ހައްޖުވެރިން އުފުލާނީ ސައުދީ އެއާލައިނުން

ހައްޖު ކޯޕަރޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރީ އެ ކޯޕަރޭޝަނުގެ މެނޭޖަރު ޔާމިން އިދުރީސާއި ސައުދީ އެއާލައިން ހިންގާ ކުންފުނި އެއިރޯވޯލްޑްގެ ސީއީއޯ ހިޝާމް ޝުމްސް އެވެ.

މި ރަސްމިއްޔާތުގައި ޔާމިން އިދުރީސް ވިދާޅުވީ މީގެ ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު ސައުދީ އެއާލައިނާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމުން ދިވެހި ހައްޖާޖީންނަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން، އެއްވެސް އިތުރު ތަނެއްގައި މަޑު ނުކޮށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ހައްޖާޖީން އުފުލުމަށް ހަތަރު ފްލައިޓް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ހައްޖާޖީންނަށް ލިބޭ ލަގެޖް ކިލޯގެ އަދަދު މި އަހަރު ވަނީ އިތުރުކޮށްފަ އެވެ. ފާއިތުވެދިޔަ ދެ އަހަރު ކޮންމެ ހައްޖާޖީއަކަށް 30 ކިލޯ ލިބުނު އިރު، ޒަމްޒަމް ފެންފުޅި ނުލައި 40 ކިލޯ މި އަހަރު ލިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ދެ އަހަރު ވެސް ޖިއްދާ އެއާޕޯޓުގައި ހައްޖާޖީންނަށް ބައެއް މައްސަލަތައް ދިމާވެފައި އެބަ ހުރި. ސައުދީ އެއާލައިން ހިޔާރު ކުރުމުން މިފަދަ މައްސަލަތައް މަދުވާނެ ކަމުގެ އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

ސަައުދީ އެއާލައިނުން ހައްޖު ކޯޕަރޭޝަނުގެ 1000 ހައްޖާޖީން ޖިއްދާ އަށް ގެންގޮސްދޭނެ އެވެ.