26 ޖޫން 2016 - 12:16

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ގެންގުޅޭ ޑިންގީއެއް ބަންޑުން ޖަހާލައި ދެ މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

އެ ދެ މީހުން ޒަހަމްވީ ބްރިޖުގެ މަސައްކަތް ކުރާ ތަނަށް މީހުން އުފުލަން ގެންގުޅޭ އެ ޑިންގީ ރާޅުގަނޑާ ދިމާލުން ކަނޑުތޮއްޓާ ކައިރި ކުރަން އުޅެނިކޮށް ރާޅެއްގައި ޖެހި ބަންޑުން ޖަހާލުމުންނެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ހެނދުނު 10:50 ހާއިރު ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ދިވެއްސަކާއި ބަންގްލަދޭޝް މީހަކާއި ޗައިނާ މީހަކު ތިބި ކަމަށެވެ. އެ އެންމެން ވެސް އޭރު ތިބީ، އޭނާ ވިދާޅުވި ގޮތުގައި، ލައިފްޖެކެޓް އަޅައިގެންނެވެ.
"ޒަހަމްވި އެކަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނީ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލް އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމަކު، މަންޒަރު ދުށް ބައެއް މީހުން "މިހާރު" އަށް ބުނި ގޮތުގައި ޗައިނާ މީހާގެ ހާލު ސީރިއަސް އެވެ. އެއީ، އެ މީހުން ބުނި ގޮތުގައި، ޑިންގީ ބަންޑުން ޖަހާލި ވަގުތު އޭނާގެ ބޯ ގަލެއްގައި ޖެހުމުންނެވެ. އޭނާ މޫދުން ނެގިއިރު ހޭ ވެސް ނެތް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
ޗައިނާ މީހާގެ އިތުުރުން، ބާރަ މީހުންގެ އެ ޑިންގީ ދުއްވަން އިން ދިވެހި މީހާ އަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އޭނާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެކަމަކު، އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ސިފައިންނާއި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ބަންޑުން ޖަހާލި ޑިންގީ ކެރޭނެއްގެ އެހީގައި ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.