29 ޖުލައި 2017 - 20:36

ސްރީ ލަންކާގެ ހަންބަންޓޯޓާ ޕޯޓާއި، އެ ސަރަހައްދުން 6000 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ދިގު މުއްދަތަކަށް ޗައިނާ އަށް ދިނުމުގެ އެއްބަސްވުމުގައި އެންމެ ފަހުން ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން 1.1 ބިލިޔަން ޑޮލަރު ލަންކާ ސަރުކާރަށް ލިބޭނެ އެވެ. ޕޯޓާއި އެ ސަރަހައްދު އިގުތިސާދީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ޗައިނާއާ ހަވާލުކުރީ 99 އަހަރަށެވެ.
އެއްބަސްވުމުގައި ސޮއިކުރުން ލަސްވީ ޗައިނާގެ އަސްކަރީ ކަންކަމަށް އެ ބަނދަރު ބޭނުންކޮށްފާނެ ކަމާ މެދު އުފެދުނު ބިރުވެރިކަމުގަ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް ލަންކާގެ އެތައް ހާސް ބަޔަކު ކުރި މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ވެސް ބޮޑުވި އެވެ.
ޗައިނާ އިން އެންމެ ފަހުން ޔަގީންކަން ދީފައި ވަނީ އަސްކަރީ އެއްވެސް ކަމެއްގައި ބަނދުގެ ބޭނުން ނުހިފާނެ ކަމަށެވެ.
ހަންބަންޓޯޓާ ޕޯޓަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން، ޗައިނާއިން ލޯނު ނަގައިގެން ތަރައްގީކުރި ތަނެކެވެ. ނަމަވެސް އެތަން ހިންގޭނެ ގޮތް ނުވުމާއި ފީޒިބަލް ނުވުމުން އަނބުރާ ލޯނު ދެއްކޭނެ ގޮތެއްނުވި އެވެ.
ޗައިނާ ސަރުކާރު ކުންފުނިން އެ ބަނދަރާއި އިގުތިސާދީ ޒޯން ތަރައްގީކުރަން ދިން ހުއްދައިގެ ދަށުން ލިބޭ ފައިސާ ހޭދަކުރާނީ ލަންކާގެ ބޭރުގެ ދަރަނި ދައްކާށެވެ.
ލަންކާ ސަރުކާރުގެ ލޯނު 64 ބިލިޔަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރެއިން 8 ބިލިޔަން ޑޮލަރަކީ ޗައިނާ އިން ނެގި ލޯނެވެ.
ޗައިނާ އިން ލޯނުތައް ދެއްކުމުގައި ލަންކާ އަށް އެއްވެސް ލުޔެއް ނުދިނުމުން މަޖުބޫރުވީ ޗައިނާ އަށް ދިގު މުއްދަތަކަށް ބިންތައް ދޭށެވެ.
ހަންބަންޓޯޓާ ޕޯޓްގެ އިތުރުން އެތަނުގައި ހަދާފައިވާ އެއާޕޯޓާއި އެހެން ބައެއް ތަންތަން ވެސް ޗައިނާ އަށް ވިއްކާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ލަންކާ ސަރުކާރުން ބުނެފައިވަނީ ގައުމަށް ލިބޭ އާމްދަނީގެ 95 ޕަސެންޓް ހޭދަކުރަނީ ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށެވެ.