29 ޖުލައި 2017 - 14:01

ޕިއޮންޔޮން (ޖުލައި 29) - ކާމިޔާބުކަމާ އެކު އެންމެ ފަހުން ޓެސްޓްކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އަކީ އެމެރިކާ އަށް ދިން ހަރުކަށި އިންޒާރެއް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެފައި ވަނީ އެމެރިކާގެ ހުރިހާ ސިޓީތަކެއް ވަނީ ނޯތު ކޮރެއާ އިން ޓެސްޓްކުރި މިސައިލުގެ ރާސްތާގެ ތެރޭގައި ކަމަށެވެ. ނޯތު ކޮރެއާ އިން އަނެއްކާ ވެސް އިތުރު އައިސީބީއެމް ޓެސްޓްކޮށްފައި ވަނީ އެ ބާވަތުގެ މިސައިލެއް ޓެސްޓްކުރިތާ ތިން ހަފުތާ ފަހުންނެވެ.
މިސައިލް ޓެސްޓްކުރިކަން ޔަގީންކޮށްދެމުން ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެއް ކޮންޓިނެންޓް ހުރަސްކޮށް އަނެއް ކޮންޓިނެންޓަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް 47 މިނިޓް ވަންދެން 3،724 ކިިލޯ މީޓަރު އުހުން ދަތުރުކުރި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނޯތު ކޮރެއާ އިން ޓެސްޓް ކުރި މިސައިލް ވެއްޓިފައި ވަނީ ޖަޕާން ކަނޑަށެވެ. މި މިސައިލަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ، ސައުތު ކޮރެއާ އަދި ޖަޕާނުން ގުޅިގެން ވަނީ އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ. މި ތަމްރީނުތަކުގައި ވަނީ ބިމުން ބިމަށް ފޮނުވާ މިސައިލް ވެސް ޓެސްޓްކޮށްފަ އެވެ.