ޕޮގްބާގެ ސިކުނޑި ގައުމީ ޓީމަށް ހުސްކުރަން ޖެހޭ: ކޯޗު
ޕޮގްބާގެ ސިކުނޑި ގައުމީ ޓީމަށް ހުސްކުރަން ޖެހޭ: ކޯޗު

ޕެރިސް، ފްރާންސް (ޖޫން 26) - ގައުމީ ޓީމަށް އަހައްމިއްޔަތު ދިނުމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އެ ޓީމުގެ ކޯޗު ޑިޑިއާ ޑެޝޯމްޕްސް ގޮވާލައިފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ އަޔަލެންޑާ ދެކޮޅަށް ނުކުންނަން ފްރާންސް ތައްޔާރުވެފައިވާއިރު، މުބާރާތުގައި މިހާތަނަށް ޕޮގްބާ އަށް އޭނާ ޔުވެންޓަސްގައި ދައްކާ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ.

ރޫމޭނިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ބަދަލުކުރިއިރު ސްވިޒަލެންޑް މެޗު ފެށީ ބެންޗުންނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފުލްކޮށް ކުޅުނެވެ.

ޔޫރަޕުގެ ބޮޑު ކްލަބްތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕޮގްބާ ގަތުމަށް މަސައްކަތްކުރަމުން އަންނައިރު މިވަގުތު ނޫސްތަކުގައި ބޮޑަށް ދެކެވެނީ ވެސް އެ ވާހަކަ އެވެ. ޑެޝޯމްޕްސް ބުނީ ޕޮގްބާގެ ވާހަކަތައް ސުރުހީއަށް ނާރާއިރު އޭނާ މާ ރަނގަޅަށް ކުޅޭ ކަމަށެވެ.

"އޭނާ މެޗަށް ފުރިހަމައަށް ތައްޔާރުވުމަށް އެބަޖެހޭ އެހެން ހުރިހާ ކަމަކުން ސިކުނޑި ހުސްކުރަން. އޭނާއާ ބެހޭގޮތުން ތަފާތު ވާހަކަތައް އެބަދެކެވޭ. އެކަމަކު އޭނާ ޒުވާން ވުމާ އެކު، އެބަޖެހޭ އެކަންކަމުން ދުރުހެލިވެ ގައުމީ ޓީމަށް ސަމާލުކަން ދޭން،" ޑެޝޯމްޕްސް ބުންޏެވެ.

އޭނާ ވަނީ މުބާރާތުގައި މިހާތަނަށް ދެ ލަނޑު ޖަހާފައިވާ ފްރާންސްގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓަށް ތައުރީފުކޮށްފަ އެވެ.

"ޕަޔެޓުގެ މަސައްކަތާ މެދު ވަރަށް ބޮޑަށް އުފާކުރަން. އޭނާ އަށް ލިބިފައިވާ ތަރިއެއްގެ ދަރަޖައިގެ ބޭނުން އޭނާ ރަނގަޅު ގޮތުގައި އެބަހިފާ،" ޑެޝޯމްޕްސް ބުންޏެވެ. "މިރޭ އަހަރެމެން ވާދަކުރަން ޖެހެނީ އަޔަލެންޑާ. އެ ޓީމުގައި ތިބީ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން. އެފަދަ ކުޅުންތެރިންތަކަކާ ދެކޮޅަށް ކުޅޭއިރު ޕޮގްބާ އަދި ޕަޔެޓް ފަދަ ކުޅުންތެރިންގެ މުހިއްމުކަން ބޮޑު."

ފްރާންސުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުން އަޔަލެންޑް ކަޓުވާލީ ތިއަރީ އޮންރީ އަތުން ކޮންޓްރޯލް ކުރި ބޯޅައަކުން ޖެހި ޖެހި ލަނޑަކަށްވާތީ މިރޭގެ މެޗުގައި އޭގެ ބަދަލު އަޔަލެންޑުން ހިފާނެ ކަމަށް އެއްބަޔަކު ބުނެ އެވެ. އެކަމަކު ޑެޝޯމްޕްސް ބުނީ އެފަދަ ރޫހެެއް އަޔަލެންޑުން ގެންއުޅޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"މާޒީގައި ވެފައި އޮތް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ. މި ލެވެލްގައި ކުޅޭއިރު އެފަދަ ހަނދާންތައް ކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ،" ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސާއި އަޔަލެންޑުގެ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރެވެ.