އެމެރިކަން ފުޓުބޯޅަ ކުޅޭ މީހުންގެ ސިކުނޑިއަށް ގެއްލުންވޭ
އެމެރިކަން ފުޓުބޯޅަ ކުޅޭ މީހުންގެ ސިކުނޑިއަށް ގެއްލުންވޭ

އެމެރިކަން ފުޓްބޯޅަ ކުޅޭ މީހުންގެ ތެރެއިން މަރުވެފައިވާ ކުޅުންތެރިންގެ ތެރެއިން 200 ވަރަކަށް މީހުންގެ ސިކުނޑީގެ ދިރާސާ އަކަށް ފަހު ސައިންސްވެރިން ބުނި ގޮތުގައި މީގެ ތެރެއިން 90 ޕަސެންޓް ކުޅުންތެރިންގެ ސިކުނޑިއަށް ވަނީ ކްރޮނިކް ޓްރައުމެޓިކް އެންސެފެލޮޕަތީ (ސީޓީއީ) ކިޔާ ބައްޔެއް ޖެހިފަ އެވެ.

މާޔޯ ކްލިނިކުން ބުނާ ގޮތުގައި ސީޓީއީ މައްސަލަ ދިމާވެފައިވަނީ އެމެރިކަން ފުޓްބޯޅަ ކުޅޭއިރު، ބޮލަށް ތަކުރާރުކޮށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. މިގޮތަށް ދިމާވާ މީހުންގެ ސިކުނޑިއަށް ބޮޑުވަރު ވަނީ ގިނަ ދުވަސް ވާވަރަކަށެވެ. އަދި މިގޮތަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ދަސްކުރަން އުނދަގޫވުން، ހަނދާން ނެތުން އަދި ޑިޕްރެޝަންގެ މައްސަލަ ހިމެނެ އެވެ.

ނަމަވެސް ސީޓީއީ ހުރިކަން ޔަގީންކަމާ އެކު ޑައިގްނޯސް ކުރެވެނީ އެމީހަކު މަރުވުމަށްފަހު އެމީހެއްގެ ސިކުނޑި ރަނގަޅަށް ބެލުމުން ކަމަށް ބޮސްޓަން ޔުނިވަސިޓީގެ ސީޓީއީ ސެންޓަރުގެ ރިސާޗަރުން ކޮށްފައިވާ ދިރާސާއަކަށް ފަހު ވަނީ ބުނެފަ އެވެ.

ޖާނަލް ޖާމާގައި ޖުލައި 25 ވަނަ ދުވަހު ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި އެ ބޭފުޅުންގެ ދިރާސާ ކުރި 202 މީހެއްގެ ސިކުނޑީގެ ތެރެއިން 177 މީހެއްގެ ސީޓީއީ ހުރިކަން ވަނީ ހޯދިފަ އެވެ. ނުވަތަ ޗެކްކުރި މީހުންގެ 87 ޕަސެންޓަށް މި މައްސަލަ ވަނީ ދިމާވެފަ އެވެ.

ސީޓީއީގެ ތަފާތު ތިން ރޭންޖެއް ހުރެ އެވެ. ވަރަށް ކުޑަކޮށް ބަލި ހުރުމާއި އެންމެ ބޮޑުވަރު ވެފައި ހުރުމާއި އާދައިގެ ވަރަކަށް ބަލި ހުރުމެވެ.

ދިރާސާއަށް ހޮވި ކުޅުންތެރިން މަރުވުމުގެ ކުރިން އެމީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައިވޭތޯ ބެލުމަށް ސައިންސްވެރިން ވަނީ އެމީހުންގެ ގާތް ބައެއް މީހުންނާ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އެމީހުންގެ އަނބިންނާއި ދަރިން ހިމެނެ އެވެ. މި ދިރާސާއަށް ސިކުނޑި ހަދިޔާކުރި 111 ކުޅުންތެރިއެއްގެ އާއިލާގެ މީހުންނާ ވަނީ އިންޓަވިއުކޮށްފަ އެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނު ގޮތުގައި ސީޓީއީ އެންމެ ބޮޑަށް ނުވަތަ އާދައިގެ ވަރަކަށް ހުރި މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންގެ މިޒާޖަށް ބަދަލުތަކެއް އައިކަން އެމީހުންގެ އާއިލާއަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަން، ހިތްނުތަނަވަސްވުން، އަވަސް އަރުވާލައިގެން ކަންތައްކުރަން އުޅުން އަދި އެހެން މީހުންނަށް އޯގާތެރިކަމާއި އަޅާލުން ނުދިނުން ހިމެނެ އެވެ.

އަދި ބަލި އެންމެ ބޮޑުވަރު ނުވެ ހުރި މީހުންގެ ކިބައިން ވިސްނުމުގެ ގާބިލްކަމަށް ބަދަލު އައުމާއި ހަނދާން ބަލިވުން، ސަމާލުކަން ނުހުރުން އަދި ވާހަކަ ދެއްކުމުގައި ވެސް މައްސަލަ ހުންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
މި ދިރާސާއަށް ސިކުނޑި ހަދިޔާކޮށްފައިވާ ކުޅުންތެރިންނަކީ އެކި މަގާމުތަކަށް ކުޅެފައި ތިބި މީހުންނެވެ. އަދި މީގެ ތެރެއިން ކޮންމެ މީހަކީ އެވްރެޖްކޮށް 15 ވަރަކަށް އަހަރު ކުޅެފައިވާ މީހުންނެވެ.

ލައިވް ސައިންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ މުޅިން ފުރިހަމަ އެއްޗަކަށް ނުވެދާނެކަން ވެސް ސައިންސްވެރިން ފާހަގަކޮށްފައި ވެއެވެ. ސަބަބަކީ ދިރާސާއަށް ސިކުނޑި ހަދިޔާ ކޮށްފައިވާ ޑޯނަރުންނަކީ ނުވަތަ އެފަދަ މީހުންގެ އާއިލާތަކުގެ މީހުން ދިރާސާއަށް ސިކުނޑި ހަދިޔާކުރަން ނިންމީ އެމީހުންގެ ސީޓީއީ މައްސަލަތައް ހުރިކަން އެނގޭތީ ކަމަށް ވެދާނެތީ އެވެ.