30 ޖުލައި 2017 - 06:29

ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ޖައްގާ ޖާސޫސް" ފްލޮޕްވުމުން އެންމެން ވެސް ޒިންމާ އަޅުވަނީ ފިލްމުގެ ޑައިރެކްޓަރު އަނުރާގު ބާސޫގެ ބޮލުގަ އެވެ. އެންމެ ފުރަތަމަ އަނުރާގަށް ބަހުގެ ހަމަލާތަކެއް ދިނީ ފިލްމުގެ ބަތަލު ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރެވެ. އަދި މިހާރު ރަންބީރް ވެސް ވަނީ އަނުރާގާ އެކު މަސައްކަތް ކުރެވުނު މޮޔަ ހީވާ ކަމަށް ބުނެފަ އެވެ.
ރަންބީރު ބުނި ގޮތުގައި އަނުރާގަކީ އެއްވެސް ކަމެއް ރާވައިގެން ކުރާ މީހެއް ނޫނެވެ.
ދާދިފަހުން ޔޫޓިއުބު ޗެނަލެއްގެ ޗެޓެއްގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ އަނުރާގުގެ މަސައްކަތުގެ އަޚުލާގު ވަރަށް ގޯސް ކަމަށެވެ. އެހެންވެ ކޮންމެ މީހަކަށް ވެސް އޭނާއާ އެކު މަސައްކަތްކުރަން ވަރަށް އުނދަގޫވާނެކަމަށް ރަންބީރު ބުންޏެވެ.
"އަނުރާގުގެ ފިލްމެއްގައި އޭޑީ ސިސްޓަމެއް ނޯވޭ. ސްކްރިޕްޓެއް ޝެޑިއުލެއް ވެސް ނޯވޭ. އޭނާ ކެންސަލް ކޮށްލަފާނެ 40 ދުވަހުގެ ޝެޑިއުލެއް ޝޫޓިން ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް. މިސާލަކަށް 'ބަރުފީ'ގައި ވެސް އެންމެ ފުރަތަމަ އޭނާ ބޭނުންވީ އަހަރެން ވަރަށް ސީރިއަސް ގޮތެއް އެ ކެރެކްޓާގައި ބަހައްޓަން. ނަމަވެސް އެންމެ ފަހު ވަގުތު ޗާލީ ޗަޕްލިން ކުރާ ކަހަލަ މަޖާ ކަންތައްތައް ކުރާ ކެރެކްޓާއަކަށް ހަދައިފި،" ރަންބީރު ބުންޏެވެ.
ރަންބީރު ބުނި ގޮތުގައި މި ހުރިހާ ދުވަހުވެސް އަނުރާގު ކުރާ ގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލައިގެން އަނގައިން ނުބުނެ ހުރީ "ބަރްފީ" ގޮތަށް "ޖައްގާ ޖާސޫސް" ވެސް ބޮކްސް އޮފީހުގައި ޖާދޫ ދައްކާނެ ކަމުގެ އުންމީދުގަ އެވެ.
"ބަރްފީ" ކުޅުނުއިރު ވެސް އަނުރާގުގެ ކަންތައްތައް ހުންނަ ގޮތާ ރަންބީރު ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އެ ފަހަރު އޭނާއަށް މާފުކޮށްފައި ދެ ވަނަ ފިލްމެއް ވެސް ކުޅެން ރަންބީރު ނިންމީ އެ ފިލްމު ލަސް ވިޔަސް އެ ފިލްމު ކާމިޔާބު ވީމަ އެވެ. ނަމަވެސް "ޖައްގާ ޖާސޫސް" ފްލޮޕްވުމުން ފިލްމު އެތައް އަހަރަކަށް ދިގުލައިގެން ދިއުމާއި ބަޖެޓް ދެ ގުނަ ވުން ފަދަ އެތައް ގެއްލުމަކާއި ތަކުލީފުތަކަކަށް މިފަހަރު މާފުކުރެވެން ނެތް ކަމަށް ރަންބީރު ބުންޏެވެ.
ފިލްމުގެ ނާކާމިޔާބުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައި އެންމެންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ރައްދު ދިނުމުގެ ބަދަލުގައި އަނުރާގު ވަނީ އެންމެންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ދެން ފަހަރަކުން ރަނގަޅަށް މަސައްކަތްކޮށް މޮޅު ފިލްމުތަކެއް އުފައްދާނެކަމުގައި ވެސް އޭނާ ވަނީ ވައުދުވެފަ އެވެ.
ނަމަވެސް ރަންބީރު ބުނާ ގޮތުގައި އަނުރާގު އާއެކު މަސައްކަތްކުރުމަކީ މީހާ މާޔޫސްވެ ގޮތްހުސްވާނެ ކަމެކެވެ. އެހެންވެ ކުރިޔަށް އޮތް ތަނުގައި ދެން ރަންބީރު އަނުރާގުގެ ފިލްމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.