އުރީދޫ ގްރޫޕްގެ ފައިދާ ދެ ވަނަ ކުއާޓަރުގައި 12 ޕަސެންޓް ދަށަށް
އުރީދޫ ގްރޫޕްގެ ފައިދާ ދެ ވަނަ ކުއާޓަރުގައި 12 ޕަސެންޓް ދަށަށް

ގަތަރުގެ އުރީދޫ ގްރޫޕްގެ ފައިދާ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 12 ޕަސެންޓް ދަށްވެއްޖެ އެވެ.

އުރީދޫ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި ލިބުނީ 136.79 މިލިޔަން ޑޮލަރުގެ ފައިދާ އެކެވެ. އެކަމަކު މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި 155.46 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

ފައިދާ ދަށްވެފައި ވަނީ އުރީދޫން އެހެން ގައުމުތަކުގައި ހިންގާ ވިޔަފާރިން ލިބޭ ފައިދާ މާރު ކުރާއިރު ބޮޑު ބައެއް ގެއްލޭތީ (ފޮރިން އެކްސްޗޭންޖް ލޮސް) ކަމަށް އެ ގުރޫޕުން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނީގެ ވިޔަފާރި އިރާގުގައި ވަރަށް ބޮޑަށް ދަށްވެފައިވާތީ، އެކަމުގެ އަސަރު ވެސް ވަނީ ކޮށްފަ އެވެ.

އުރީދޫގެ ފައިދާ ދަށްވި ނަމަވެސް ދެ ވަނަ ކުއާޓަރުގައި 2.19 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފައި ވެ އެވެ. ފުރަތަމަ ކުއާޓަރުގައި ކުރީ 2.14 ބިލިޔަން ޑޮލަރުގެ ވިޔަފާރި އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އުރީދޫން 4.33 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރިއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު ދެ ޕަސެންޓްގެ ކުރިއެރުމެކެވެ.

އުރީދޫން އެ ކުންފުނީގެ ހިދުމަތްތައް މެދުއިރުމަތީގެ އިތުރުން އެފްރިކާ އާއި އޭޝިޔާގައި ފުޅާ ދާއިރާއެއްގައި ދެ އެވެ. އުރީދޫގެ ވިޔަފާރި ރާއްޖޭގައި ވެސް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން އުރީދޫ ރާއްޖޭ ގޮފި ވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާ ވިއްކަން ފަށާފަ އެވެ.