59،000 މީހުންނަށް ވަދެވޭ ދަނޑަކުން އަަޔަލެންޑަށް 4500 ޓިކެޓް!
59،000 މީހުންނަށް ވަދެވޭ ދަނޑަކުން އަަޔަލެންޑަށް 4500 ޓިކެޓް!

ލިޔޯން، ފްރާންސް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަަ ބުރުގައި މިއަދު ފްރާންސާ ދެކޮޅަށް ކުޅޭ މެޗަށް އަޔަލެންޑަށް ދީފައިވަނީ މަދު އަދަދެެއްގެ ޓިކެޓް ކަމަށް ބުނެ އެޓީމުގެ ކޯޗު މާޓިން އޮނީލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިރޭގެ މެޗު ކުޅޭ ލިޔޯންގެ ސްޓޭޑިއަމަކީ 59،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އަޔަލެންޑަށް މި މެޗުން ވިއްކާފައިވަނީ 4500 ޓިކެޓެވެ. އެ ޓީމުގެ ކޯޗު އޮނީލް ބުނީ މިއީ އެނާގެ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ނޮކައުޓް މެޗަކަށް ތައްޔާރު މިވަނީ. އަހަރެން ވެސް ގަބޫލުކުރަން މުބާރާތް ބާއްވާ ޓީމަކަށް ގިނައިން ޓިކެޓް ލިބެން ޖެހޭނެ ކަމަށް އެކަމު އޭގެ މާނަ އަކީ އިދިކޮޅަށް ނުކުންނަ ޓީމަށް މާދުވާން ޖެހޭނެ އެކޭ ނޫން. އަހަރެމެންނަށް 59،000 މީހުންގެ ސްޓޭޑިއަމަކުން 4500 ޓިކެޓް ދިނުމަކީ ވަރަށް ބޭއިންސާފުން ނިންމި ނިންމުމެއް. ދަނޑަށް ވަދެވޭ މީހުންގެ 10 ޕަސެންޓް ވެސް ހަމަނުވޭ،" އޮނީލް ބުންޏެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އަޔަލެންޑް ކޮލިފައިނުވީ އެ ފަހަރު ކޮލިފައިން ޕްލޭ އޮފް ދެ ވަނަ ލެގުގައި އަޔަލެންޑުން ލީޑު ނަގައިފަ ވަނިކޮށް ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ފްރާންސުގެ ތިއަރީ އޮންރީ އަތުން ކޮންޓްރޯލް ކުރި ބޯޅައަކުން، މަގުފަހިކުރި ފުރުސަތެއްގައި ވިލިއަމް ގަލަސް ޖެހި ގޯލުގެ ސަބަބުންނެވެ.

އޮނީލް ބުނީ މިރޭގެ މެޗަށް ނުކުންނާނީ އެ މެޗު މަތިން ހަނދާން ނައްތާލައިގެން ކަމަށާއި ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށެވެ.

އަޔަލެންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ފްރާންސް ބަލިވެފައިނުވެ އެވެ. ތިން މެޗުން މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން އަޔަލެންޑުން ފްރާންސް ބަލިކުރީ މީގެ 35 އަހަރު ކުރިންނެވެ. އެ ފަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުން އަޔަލެންޑް މޮޅުވީ 3-2 އިންނެވެ.

ވާދަވެރި މުބާރާތްތަކުގައި އެންމެ ފަހުން އަމިއްލަ ގައުމުގައި ކުޅުނު 15 މެޗުން ފްރާންސް ބަލިވެފައިނުވެ އެވެ. ތޭރަ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ފްރާންސުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނީ މިރޭގެ މެޗަށް ނުކުންނައިރު އޭނާ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުރަތަމަ އެގާރަ ނެގުން ކަމަށާއި މެޗުގައި ބޭނުން ކުރާނެ ފުރަތަމަ އެގާރަ ނިންމާނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށެވެ.

އަޔަލެންޑާއި ފްރާންސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެ.