މެމްބަރުން ފުލުހަށް ހާޒިރުކުރަނީ މަޖިލީހުގެ ގޮނޑިތަކެއް ގެއްލުވާލަން: އިބޫ
މެމްބަރުން ފުލުހަށް ހާޒިރުކުރަނީ މަޖިލީހުގެ ގޮނޑިތަކެއް ގެއްލުވާލަން: އިބޫ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މެމްބަރުންތަކެއްް މިދިޔަ ހޯމަ ދުވަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ މިރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިތުރު 10 ވަރަކަށް މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކީ މަޖިލީހުގެ ގޮނޑިތަކެއް ގެއްލުވާލައިގެން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑިތަކެއް ގެއްލުވާލަން ސަރުކާރުން ބޭނުންވިޔަސް އެކަން ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެދުވަހު މަޖިލީހަށް ވަނީ މަޖިލިސް މެމްބަރުންތަކެއް ކަމަށާއި މެމްބަރުން މަޖިލީހަށް ވަނުން މަނާ ނުކުރެވޭނެތީ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދުވަހު ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ކޮންމެ ގޮތެއް ވިޔަސް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިއުމަށް ހުރަސް އެޅޭ ގޮތް ހެދުމަށް އެއްވެސް ބަޔަކަށް ގާނޫނަކުން ޖާގައެއް ނުދޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރާ ކަމަށާއި އެ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާނެ ކަމަށެވެ. އަދި އެދުވަހު އޭނާ މަޖިލީހަށް ވަނީ މެމްބަރެއްގެ ހައިސިއްޔަތުން އެތަނުގައި މަސައްކަތްތަކެއް ކުރަން ކަމަށް އިބޫ ވިދާޅުވި އެވެ.

ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލާގައި އޭގެ ތެރެއިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމައިދޭން އިބޫ މިރޭ ގޮވާލެއްވި އެވެ. އިބޫ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ގޮތެއް ނުނިމި އޮތުމުން ގިނަ ކަންތައްތަކެއް ނުކުރެވި އެބަހުރި ކަމަށާއި އިންސާފުވެރިކަމާ އެކު އެ މައްސަލަތައް ނިންމައިދޭން ގޮވާލާ ކަމަށެވެ.

އިބޫގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.