28 ޖުލައި 2017 - 23:01

ސަލްމާން ހާންގެ "ވޯންޓެޑް" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު އިންދަރު ކުމާރު ހާޓްއެޓޭކެއް ޖެހިގެން ހުކުރު ވިލޭރޭ މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އުމުރުން 43 އަހަރުގެ އެކްޓަރު މަރުވީ ގޭގަ އެވެ.
މިހާތަނަށް ވިއްސަކަށް ފިލްމްގައި މަސައްކަތްކޮށްފައިވާ އިންދަރު މަރުވި އިރު އޭނާ ގެންދިޔައީ "ޕަތީ ޕެއިޑް ހޭ ޔާރް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އޭނާ ކުޅެފައިވާ ބައެއް އެހެން ފިލްމްތަކުގެ ތެރޭގައި މާސޫމް (1996)، ކަހީނާ ޕިޔާރް ނާ ހޯ ޖާ އޭ (2000) އަދި މާ ތުޖޭ ސަލާމް (2000) ފާހަގަކޮށްލެވެ އެވެ.
ފިލްމްތަކުގެ އިތުރުން އިންދަރު ވަނީ ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ކިޔުންކީ ސާސް ބީ ކަބީ ބަހޫތީ" ފާހަގަކޮށްލެވެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ޒުވާން މޮޑެލްއަކު ރޭޕް ކުރިކަމުގެ މައްސަލައެއްގައި އިންދަރްގެ މައްޗަށް ދައުވާ ވެސްކޮށްފައިވެ އެވެ.