26 ޖޫން 2016 - 11:54

ވޮޝިންޓަން (ޖޫން 26) - އެމެރިކާގެ ވެސްޓް ވާޖީނިއާގައި ފެންބޮޑުވުމުން، އެ ސްޓޭޓުގައި ރައީސް ބަރަކް އޮބާމާ ކާރިސާ އިއުލާން ކުރައްވައިފި އެވެ.

ވޭތުވެދިޔަ ގަރުނެއްހާ ދުވަހު ތެރޭ ފެންބޮޑުނުވާ ވަރަށް ވެސްޓް ވާޖީނިއާގައި ވަނީ ފެން ބޮޑުވެފަ އެވެ. ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި ވަނީ 24 މީހުން މަރުވެފަ އެވެ.
ސްޓޭޓުގެ ގަވަރުނަރު ރޭ ޓޮމްބްލިންގެ އެދިވަޑައިގަތުމަކަށް އޮބާމާ މިހާރު ވަނީ އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ތިން ސަރަހައްދަށް އެހީ ފޯރުކޮށް ދިނުމަށް އަންގަވައިފަ އެވެ. ވަގުތީ ހިޔާތަކަށާއި ގެ މަރާމާތު ކުރުމަށް ސަރުކާރުން އެހީވެދޭނެ އެވެ.
އެ ސްޓޭޓުގެ 30،000 އަށް ވުރެ ގިނަ ގެ އާއި ވިޔަފާރިކުރާ ތަންތަނުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ވިއްސާރައިގެ ސަބަބުން 100 އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފަ އެވެ. ހާލުގައި ޖެހިފައިވާ ބައެއް މީހުން ވަނީ ގޭގޭ މަތީ ފްލޯތަކުން ސަލާމަތްކޮށްފަ އެވެ. އަދި އަނެއް ބަޔަކު ވަނީ ގަސްގަހުގެ ކުރިން ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރި މީހުންގެ ތެރޭގައި 97 އަހަރުގެ އަންހެނަކާއި ފަސް ކުދިން ހިމެނޭ އާއިލާއެއް ހިމެނެ އެވެ.
ބުރާސްފަތި ދުވަހު ވެހުނު ބޯ ވާރޭގައި ކޯރުތައް ބަންޑުންވެ، ސްޓޭޓުގެ އެކި ޓައުންތަކަށް ދަތުރު ކުރަން ވަނީ ދަތިވެފަ އެވެ.
ވެސްޓް ވާޖީނިއާގެ 44 ޓައުނެއްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ދަނީ 500 ސިފައިން ހަރަކާތްތެރިވަމުންނެވެ.