28 ޖުލައި 2017 - 13:56

އިއްޔެ ހަވީރު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މާރާމާރީގައި، ހއ. ތަކަންދޫ އިބްރާހީމީހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޓާމިނަލް ކެފޭ ތެރޭގަ އެވެ. އެ ހަމަލާއާ ގުޅިގެން އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.
މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ދެ މާރާމާރީއެއް ހިނގާފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އެވެ. އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.