ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި

އިސްލާމްއާބާދު (ޖުލައި 28) - ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު މަގާމުގައި ހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމާ ގުޅިގެން ނަވާޒް ޝަރީފު މިހާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ކުރިން ދާޚިލީ ވަޒީރު ޗައުދަރީ ނިސާރު އަލީ ޚާން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ގަބޫލް ކުރުމަށް ނަވާޒް ޝަރީފަށް ދަންނަވައިފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފި

"ޕާލަމެންޓް މެންބަރެއްގެ ހައިސިއްޔަތު ނަވާޒް ޝަރީފަށް ވަނީ ގެއްލިފައި. އެހެންވެ ބޮޑުވަޒީރުކަމުގެ މަގާމުން ވަކިވާން ޖެހޭ،" ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އިޖާޒް އަފްޒަލް ޚާން ވިދާޅުވި އެވެ.

މިއީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުގައި ހުންނެވި ބޮޑުވަޒީރަކު ސްޕްރީމް ކޯޓުން ދުރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވަނީ އޭރުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނަވާޒް ޝަރީފް ގައުމަށް ވަޑައިގަތީ އިއްޔެ އެވެ.

ނަވާޒް ޝަރީފާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން މިގޮތަށް ހުކުމް ކޮށްފައި ވަނީ، ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ބޭފުޅުން ގައުމުން ބޭރުގައި ވިޔަފާރި ހިންގަވާކަން ފަޅާއެރުމުންނެވެ. ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފްގެ ނަން ނެތް ނަމަވެސް އާއިލީ ވިޔަފާރީގެ މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. އެހެންވެ ނަވާޒް ޝަރީފުގެ ފިރިހެން ދަރިކަލުންނާ އަންހެން ދަރިކަނބަލުން މަރިޔަމް އާއި އޭނާގެ ފިރިކަލުން ސަފްދާރުގެ މައްސަލަ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ އިން ބެލުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރު އިޝާގު ދާރުގެ މައްސަލަ ބަލަން ވެސް ވަނީ އަންގައިފަ އެވެ.

ސުޕްރީމް ކޯޓުން ހުކުމްކޮށްފައި މި ވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ) ގެ ތަހުގީގަށް ފަހު ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

ނަވާޒް ޝަރީފުގެ މަގާމު ގެއްލޭފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑުވަޒީރުކަން ދިނުމާ ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި ދާދި ފަހުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޝަހުބާޒަކީ ޕާލަމެންޓުގެ މެންބަރަކަށް ނުވުމުން ބޮޑުވަޒީރުކަން ވަގުތުން ވަގުތަށް ލިބޭނެ ގޮތެއް ނެތެވެ. އެހެންވެ ވަގުތީ ގޮތުން ބޮޑުވަޒީރުކަމަށް ގެނައުމަށް ޚިޔާލުކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފެވެ.

ޖިއޯ ނިއުސް އިން ބުނީ 45 ދުވަސްތެރޭ ބައި-އިލެކްޝަނެއް ބޭއްވުމަށް ފަހު ޝަހުބާޒް ޕާލަމެންޓަށް ގެނެސް ބޮޑުވަޒީރުކަން ދިނުމާ ގުޅޭ ގޮތުން، ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގު ޕާޓީން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.

ޕާކިސްތާނުގައި ވެރިކަންކުރާ މުސްލިމް ލީގު ނަވާޒް (އެމްޕީއެލް-އެން) އިން މިހާރު ވަނީ ވަގުތީ ބޮޑު ވަޒީރެއް ނޭޝަނަލް އެސެމްބްލީން ހޮވުމަށް ޕާލަމެންޓުގެ ރައީސަށް އިޚްތިޔާރު ދެއްވައިފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަނީ ނަވާޒް ޝަރީފް ޕާޓީއަށެވެ. ޕާކިސްތާނުގައި އާއްމު އިންތިޚާބު އޮންނާނީ އަންނަ އަހަރު އެވެ.

ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލަކާއި ފިރިހެން ދެ ބޭފުޅުން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.