28 ޖުލައި 2017 - 12:11

ގުދުސް (ޖުލައި 28) - އަގްސާ މިސްކިތުގައި ހަރުކުރި ސެކިއުރިޓީ ކެމެރާ އާއި މެޓަލް ޑިޓެކްޓަރު އިޒްރޭލުން ނެއްޓި ނަމަވެސް މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނީ 50 އަހަރުން މަތީގެ ފިރިހެންނަށް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.
އިޒްރޭލުން އެޅި ސަލާމަތީ ހުރަސްތައްް އިއްޔެ ނައްތާލުމުން ގިނަ ބަޔަކު ހުކުރު ނަމާދަށް މިއަދު އަގްސާ އަށް ދާން ނިންމާފައި ވަނިކޮށް އިޒްރޭލުން ކުރިމަތިކުރި އާ ޝަރުތާ ގުޅިގެން މިއަދު ހެނދުނު ވަނީ ހަމަނުޖެހުންތައް ހިނގާ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. އޭގެ ކުރިން އިއްޔެ ވެސް ވަނީ ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފަ އެވެ.
ފަލަސްތީނުގެ ލީޑަރުން އެދުމާ އެކު އިއްޔެ ވެސް ވަނީ އެތައް ހާސް ބަޔަކު އަގްސާގައި ނަމާދު ކޮށްފަ އެވެ. މިއީ މި މަހު 14 ވަނަ ދުވަހަށް ފަހު އަގްސާ އަށް ވަދެ ނަމާދުކުރި ފުރަތަމަ ފަހަރެވެ. އިޒްރޭލުން އެޅި ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނު މީހުން ނަމާދު ކުރަމުން ދިޔައީ އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގެ މަގުތަކުގަ އެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 1،000 މީހުން ޒަޚަމްކޮށްލައިފަ އެވެ. މިދިޔަ ހުކުރު ދުވަހު އެކަނިވެސް ވަނީ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ބުނީ މެޓަލް ޑިޓެކްޓަރު ހަރުކުރަން ޖެހުނީ ބައެއް މީހުން ފޮރުވައިގެން ހަތިޔާރު އެތެރެކޮށް ހަމަލާ ދެމުންދާތީ ކަމަށެވެ.