ރޮނާލްޑޯ، ބެންޒެމާ އަދި ބޭލް މަޑުކުރުވަން ބޭނުން: ޒިދާން
ރޮނާލްޑޯ، ބެންޒެމާ އަދި ބޭލް މަޑުކުރުވަން ބޭނުން: ޒިދާން

މެޑްރިޑް (ޖުލައި 28) – ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މިހާރުގެ ތިން ފޯވާޑް ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް އަދި ކަރިމް ބެންޒެމާ ކްލަބުގައި ތިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން އަންނަނީ މޮނާކޯގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ގެނައުމަށް މަސައްކަތްކުރަމުންނެވެ. އުމުރުން 18 އަހަރުގެ ފޯވާޑް ގެނައުމަށް 180 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ ކަމަށް ބެލެވޭއިރު ފަހަރުގައި މެޑްރިޑުން ބެންޒެމާ ނުވަތަ ބޭލް ވިއްކާލަފާނެ އެވެ. އެކަމަކު ޒިދާން ވަނީ އެ ކުޅުންތެރިން މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"ހިނގާ އުއްމީދުކުރަމާ ބީބީސީ (ބޭލް، ބެންޒެމާ އަދި ކްރިސްޓިއާނޯ) ކްލަބުގައި ތިބޭނެ ކަމަށް. އަހަރެން ބޭނުންވޭ މިހާރުގެ ފޯވާޑް ލައިން އެގޮތުގައި އޮންނަން،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ޓްރާންސްފާގެ ކަންކަމުގައި ވާހަކަދައްކާނީ ކްލަބުގެ ޑިރެކްޓަރުން ކަމަށާއި އެކަމަކު ކްލަބުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެއްބަސްވި އެވެ. އޭނާ އެ އިޝާރާތްކުރީ އެމްބާޕޭ އަށެވެ.

ޓެކްސް މައްސަލައިގައި ދައުވާ އުފުލުމުން ރޮނާލްޑޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް އަޑުއެރި ނަމަވެސް ފަހުން އޭނާ ވަނީ ކްލަބުގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ. މެޑްރިޑުން ބޭލް ވިއްކާލަފާނެ ކަމަށް ބެލެވޭއިރު ބެންޒެމާ ދޫކޮށްލަފާހެން ހީނުވެ އެވެ. ސަބަބަކީ މިހާރު ވެސް އެހެން ސެންޓްރަލް ފޯވާޑެއް ކަމަށްވާ އަލްވާރޯ މޮރާޓާ ވިއްކާލާފައިވުމެވެ.