އަނުޝްކާގެ ރީތިކަމަށް ތައުރީފުކުރަމުން "ހަވާޔޭން" ރިލީޒްކޮށްފި
އަނުޝްކާގެ ރީތިކަމަށް ތައުރީފުކުރަމުން "ހަވާޔޭން" ރިލީޒްކޮށްފި

ޝާހްރުކް ޚާނާއި އޭނާގެ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ބަތަލާ އަނުޝްކާ ޝަރުމާގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮވެ އެވެ. އަނުޝްކާއާ އެކު ތިން ވަނަ ފިލްމެއް ކުޅެން އޭނާ އެއްބަސްވީ ހަމަ ގައިމުވެސް އެމީހުންގެ ގުޅުން ވަރަށް ރަނގަޅުވީމާ ކަމަށް ބެލެވެ އެވެ.

ދާދިފަހުން މި ދެ ތަރިން ވަނީ އެމީހުންގެ އާ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް"ގެ "ހަވާޔޭން" ލަވަ ރިލީޒް ކޮށްފަ އެވެ.

މުމްބައި އޮތް މި އިވެންޓުގެ ކުރިން ޝާހްރުކް ވަނީ އަނުޝްކާ އާއި އޭނާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. އެ ފޮޓޯއާއެކު ލިޔެފައިވާ މެސެޖުގައި ލަވައިގެ ތަންކޮޅެއް ހިމަނާލުމަށް ފަހު އަނުޝްކާގެ ރީތިކަމަށް ތައުރީފުކޮށްފައިވެ އެވެ.

އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ލޮސް އެންޖަލިސްގައި ހުރެފައި ޝާހްރުކް އެނބުރި އިންޑިޔާއަށް ދިޔައީ މި ލަވަ ލޯންޗުކުރުމުގެ ހަފުލާއަށެވެ.

ޝާހްރުކް އާއި އަނުޝްކާގެ ވަރަށް ރޮމެންޓިކް މި ލަވަ ކިޔައިދީފައިވަނީ އަރިޖީތު ސިންގެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ޑައިރެކްޓަރަކީ އިމްތިޔާޒު އަލީ އެވެ. މި ފިލްމުގައި ދައްކަނީ ޝާހްރުކް އާއި އަނުޝްކާ ކުޅެފައިވާ ހެރީ އާއި ސޭޖަލް ޔޫރަޕްގައި ކުރާ ދަތުރެއްގައި ހިނގާ ހާދިސާތަކެއް ކަމަށް ވާތީ ފިލްމުގައި ޔޫރަޕްގެ ރީތި ގައުމުތަކުގެ ވަރަށް ހިތްގައިމު މަންޒަރުތަކެއް ފެނިގެން ދާނެ އެވެ.