28 ޖުލައި 2017 - 07:22

ބާސެލޯނާ (ޖުލައި 28) – ބާސެލޯނާ އިން ނޭމާ މަޑުކުރުވަން ބޭނުންވާ ކަމަށާއި އެކަމަކު ކުރިމަގާ މެދު ގޮތެއް ނިންމާނީ ސީދާ އޭނާ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އޮތީ ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދީގެން އޭނާ ގެންދަން ތައްޔާރަށެވެ. އަދި ނޭމާ ވެސް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އެންމެންނަށް ވެސް އެނގޭ ނޭމާ އަކީ އަހަރެމެންގެ އެންމެ މޮޅު އެއް ކުޅުންތެރިއާ. އެހެންވެ އަހަރެމެން ބޭނުމެއް ނުވޭ އެ ކުޅުންތެރިއާ ދޫކޮށްލަން. އަހަރެމެން ބޭނުންވަނީ އޭނާ ކުރިއަށްދާން، އަހަރެމެންނާ އެކު ކުރިއަށްދާން. އޭނާގެ ކޮންޓްރެކްޓުގައި އަދިވެސް ބާކީ ހަތަރު އަހަރު އެބައޮތް. އެހެންވެ އިތުރު ދައްކާނެ ވާހަކައެއް ނެތް،" ބާޓޮމެއޫ ވިދާޅުވި އެވެ. "އެންމެންނަށް ވެސް އެނގޭ ކުޅުންތެރިއާކަން ނިންމާނީ އޭނާ ދާން ބޭނުމިއްޔާ. އެހެންވީމާ އޭނާ އަށް ނިންމިދާނެ."
އެކަމަކު ބާޓޮމެއޫ ވަނީ ބާސެލޯނާ އިން ނޭމާ ބޭނުންވާކަން ތަކުރާރުކުރައްވައިފަ އެވެ. އަދި ކާމިޔާބީ ހޯދަން ބޭނުމިއްޔާ އެންމެ މޮޅު ކުޅުންތެރިން ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ނޭމާ ވަނީ އެ ކްލަބާ އެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.